ރައީސް ސޯލިހްގެ ކާމިޔާބީގެ ފަހަތުގައި ވަގު ވޯޓާއި ރިސްވަތު!
ދެންމެ | 29 ޖެނުއަރީ 2023

އިއްޔެ ބޭއްވި އެމްޑީިޕީ ވާދަވެރި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ އެއް ކަމަކީ، އެމަނިކުފާނުގެ ރިސްވަތުގެ ހުތުރު އަމަލުގެ ދަށުވެފައިވާ ރައްޔިތުން އަތުލައި ގަނެވުމެބެ. ފައިސާ ބެހުމުގައި  އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެމަނިކުފާނު ފެއްޓެވި މަޝްރޫއުގެ ފައިދާ، ރައީސަށް މާ ބޮޑަށް ވެސް އިއްޔެ ވަނީ ކޮށްފަ އެވެ.

އިންތިހާބު 61 ޕަސެންޓުން ކާމިޔާބު ކުރެއްވި އިރު، އެ ތަފާތު އެމަނިކުފާނު ބޮޑުކުރެއްވީ ކުދިކުދި ރަށްރަށުން ވަގު ވޯޓު އަޅައިގެން ނެރުނު ތަފާތު ބޮޑު ނަތީޖާ އިންނެވެ. ބައެއް ފޮށިތަކުގައި ވޯޓުލާން އޮތް މިންވަރަށް ވުރެ އިތުރަށް ވޯޓު އަޅާފައިވާ ކަން ނަތީޖާ ސީޓުތަކުގައި ހާމައަށް ފެންނަން އެބަ އޮތެވެ. ލިސްޓްގައި ނަން ނެތް އެތައް ބަޔަކު އިބޫއަށް ވޯޓު އަޅާފައިވާކަން ފަޅާ ވެސް އެރި އެވެ.

އިންތިހާބުގައި 24،000 ވޯޓު ރައީސަށް ލިބިވަޑައިގަތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،000 ވޯޓެވެ. ރާއްޖޭގައި އެންމެ އާބާދީ ކުޑަ ފަސް އަތޮޅު ކަމަށްވާ ވ، ފ، މ، އދ. އަދި އއ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުންހެން ވޯޓުލީ މީހުންގެ 50 ޕަސެންޓް ރައީސް ނެންގެވި އެވެ. މިއީ މުޅި ނަތީޖާގެ 10 ވަރަކަށް ޕަސެންޓެވެ. އަދި އެއީ، ރައީސްގެ ފަރަގު ބޮޑުކުރަން ލިބިވަޑައިގަތް އެންމެ ބޮޑު ފުރުސަތު ވެސް މެ އެވެ.

އާބާދީ ބޮޑެތި ސަރަހައްދުތައް ކަމަށްވާ، މާލެ، އައްޑޫ އަދި ފުވައްމުލަކާއި ހުވަދު އަތޮޅު، އަދި ހައްދުންމަތީގެ ބޮޑެތި ރަށްރަށުން ރައީސަށް، ނަޝީދާ އަޅާ ބަލާއިރު ފަހަރު ބޮޑެއް ނުކުރެއްވެ އެވެ. ސަބަބަކަށް ވީ އާބާދީ ބޮޑެތި ތަންތަނުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމުން ވަގު ވޯޓު ނޭޅުމެވެ. އަދި ރިސްވަތުގެ ހުތުރު ފައިސާގައި ޖެހުނު ނަމަވެސް ދޯކާ ދިނުމެވެ.  މާލޭގެ 15 ފޮށީގެ ތެރެއިން ރައީސަށް ލިބިވަޑައިގަތީ ހަތް ފޮއްޓެވެ. އައްޑޫގެ 12 ފޮށީގެ ތެރެއިން ރައީސަށް ލިބިވަޑައިގަތީ ފަސް ފޮއްޓެވެ.

ރައީސް މައުމޫން ޒައާމަތުގައި ވޯޓު ފޮށިތަކުގައި ބަނޑުއަޅައިގެން ރަށްރަށުގެ ވޯޓު ފޮށިތަކުން 100 ޕަސެންޓް ވޯޓު ހޯދި ބީދައިން މިފަހަރު ވެސް ރަށްރަށުގެ ވޯޓުލާފައިވާ ނަތީޖާތަކަށް ބަލާއިރު ރާއްޖޭގެ ހަތް ރަށަކުން 100 ޕަސެންޓް ވޯޓު ރައީސް ސޯލިހް ހޯއްދެވި އެވެ. އަދި ރިސްވަތު ފައިސާ އާއި ވަޒީފާގެ ބިރުވެރިކަން އުފެއްދުމުގެ އިތުރުން ފަޓާސް ބަރިއެއްހެން ބަހާލި ވަޒީފާތަކާއި ސޮއި ކޮށްލި ޕްރޮޖެކްޓްތަކުގެ އަވާގައި 90 ޕަސެންޓަށް ވުރެ މަތިން 22 ރަށަކުން ނަތީޖާ ނެރުއްވި އިރު 33 ރަށަކުން ވަނީ ވޯޓު ލީ މީހުންގެ 80 ޕަސެންޓަށް ވުރެ މަތިން ރައީސް ވަނީ ކާމިޔާބުކުރައްވައިފަ އެވެ.

ތެދެކެވެ. އިންތިހާބު ނިމިއްޖެ އެވެ. އާރާއި ބާރާއި އެކު މޮޅުވިކަން އިއުލާން ވެސް ކޮށްފި އެވެ. އެހެންނަމަވެސް ވަގު ވޯޓު އަޅައި ވޯޓު ފޮށިތައް ފަޅައި ރައްޔިތުން ކުރިމަތީ އިބޫ ހިންގީ ހުތުރު އަމަލެކެވެ. ގައުމު ސޮއްސުވާލީ ހުދުމުހުތާރު މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ތެރެއަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!