ކޮންމެ މީހަކުވެސް ދިރިއުޅުމަށް ކުރާ މަސައްކަތަކީ ފަރުވާތެރިކަމާއެކު ކުރާ މަސައްކަތެކެވެ. އެ މަސައްކަތުން ލިބޭ މުސާރަ ހަލާލު ކުރުމަށް ހަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެކަމަށް ގަބޫލު ކުރަމެވެ. އަދި ހަމަ އެހެންމެ، ޒުވާން ކުދިންގެ މުސްތަޤުބަލު އިހްތިޔާރު ކުރާއިރު، އެކުއްޖަކު ކުރާހިތްވާ ކަމެއް ކުރުމަށް އަބަދުވެސް އިރުޝާދު ލިބެއެވެ. ބޮޑަށް ތިބޭ މީހުންގެ ނަސޭހަތަކީވެސް އެއީއެވެ. ސަބަބަކީ ކުރާހިތްވާ ކަމެއް ނޫންނަމަ، ނުކުރެވޭނެކަމަށް ބުނާ ބުނުމާ، ކުރާހިތްނުވާ ކަމަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ބުނާ ވާހަކައެވެ. ނަމަވެސް މިއީ ތެދުވާހަކައެއްތޯ ސުވާލު އުފައްދަން އެބަ ޖެހެއެވެ. ސަބަބަކީ ދިރިއުޅުމަށްޓަކައި ކުރާހިތްނުވާ އެތައްކަމެއް، ކުރާ މީހުން އަހަރެމެންގެ ތެރޭގައި އުޅޭތީއެވެ.
ބައެއްފަހަރު، ބައެއް ކުދިން ދެކޭ ގޮތުގައި އެކުދިންނަށް އެއްމެ ރަނގަޅު ގޮތް އެނގޭނީ އެކުދިންނަށެވެ. އެކުދިންނަށް އެއްމެ ފައިދާހުރި ގޮތް، އެކުދިންގެ މައިންބަފައިންނަށް ނޭނގޭނެ ކަމަށްވެސް ދެކެވެއެވެ. މިބުނާ ފައިދާހުރި ގޮތް ކަމުގައި ގިނަބަޔަކު ދެކެނީ އެކުދިން ކުރާހިތްވާ ކަމެކެވެ. ބުނެވެނީވެސް އެހެނެވެ. އެކުދިން ކުރަން ބޭނުންވާ ނުވަތަ އެކުދިން ކުރާހިތްވާ ކަމެއް ކުރުމަށް ދޫކޮށްލުމަށެވެ. އަދުގެ ތަޢުލީމީ ނިޒާމުގައިވެސް މިފަދަ ސިޔާސަތެއް އޮވެއެވެ. ނަމަވެސް ކުރާހިތްވާ ކަންތައްތައް އެއީ އެއްމެ ފައިދާހުރި ކަންކަން ކަމުގައި ވެދާނެތޯ އަނެއްކާވެސް ސުވާލު އުފައްދަން އެބަ ޖެހެއެވެ. އެހެނީ އިންސާނާގެ ހިތަކީ އޭގެ މައްޗަށް އެތައް ނުފޫޒެއް ފޯރާފައިވާ އެއްޗެއްކަމުގައި ވުމެވެ.
އިންސާނާ ކުރާހިތްވާ، ނުވަތަ އެއްމެ ރުހޭ ކަންކަން އެއީ ފަހަރުގައި އިންސާނާއަށް އެއްމެ ފައިދާހުރި ގޮތް ނޫންކަމުގައި ވެދާނެ ކަމަށާއި އަދި އިންސާނާ އެއްމެ ކުރާހިތްނުވާ ނުވަތަ އެއްމެ ނުރުހޭ ކަންކަން އެއީ އިންސާނާއަަށް އެއްމެ ފައިދާހުރި ކަންކަން ކަމުގައި ވެދާނެއެވެ. މިކަމުގައި އޮތީ ވިސްނާ ފިކުރުކޮށް، ހޯދާ ބަލާ ދިރާސާ ކުރުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.
﴿216﴾ كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
މާނައީ: ”ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.“ (އަލް ބަޤަރާ 216 ވަނަ އާޔަތް).
މިއީ ހަނގުރާމަ ކުރުން ފަރުޟު ކުރައްވާ އެކަމުގެ ހުއްދަ ދެއްވާ މާތް ﷲ ވަޙީ ކުރެއްވި އާޔަތެވެ. ނަމަވެސް މި އާޔަތުގައި ﷲ ވަޙީ ކުރައްވާފައިމިވާ ”އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.“ މި ބަސް ފުޅުން އެނގޭ ގޮތުގައި އިންސާނާއަށް އެއްމެ ލާބަހުރި ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަދި އިންސާނާ ކުރަން އެދޭ ކަންކަން އެއީ ފަހަރުގައި އޭނާއަށް އެއްމެ ފައިދާހުރި ކަމެއް ކަމުގައި ނުވެދާނެ ކަމެވެ. އެހެންކަމުން ތިމާއަށް ފައިދާހުރި ކަންކަމަކީ ކޮބައިތޯ ބަލާ ހޯދުން މުހިއްމެވެ. އަދި ކުރާ ހިތްވިއެއް ކަމަކު، އެކަމަކައިގެން ކުރިއަށް ނުދާށެވެ. އެއީ ތިމާއަށް ފައިދާހުރި ކަމެއްތޯ ނުވަތަ ނޫންތޯ ބެލުންވެސް މުހިއްމެވެ.