ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއިން ދުރު މަންޒިލްތައް ދަތުރު ފެށުމަށް ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް މާދަމާ ބޭރުގެ ކުންފުންޏަކާއެކު ސޮއި ކުރަން ނިންމައިފި އެވެ.
މޯލްޑިވިއަންއިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ވިދާޅުވީ އިތުރު ތަފްސީލް މާދަމާ ލިބޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެންނަނީ އެއާބަސް 330-200 މަރުކާގެ ބޯޓެވެ.
މި ބޯޓު ގަތުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ބޮޑު ކުންފުންޏަކުންނެވެ. މި ބޯޓު ގަތުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ސީޕްލޭން ޓާމިނަލްގަ އެވެ.
މި ބޯޓާއެކު ޔޫރަޕާއި ދުނިޔޭގެ އެކި މަންޒިލްތަކަށް އުދުހުމުގެ ގާބިލުކަން މޯލްޑިވިއަންއަށް ލިބިގެންދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ސެޕްޓެންބަރު މަހު މި ބޯޓު ގެނެސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެެވެ. ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޗައިނާގެ ބައެއް ސިޓީތަކަށާއި ޔޫރަޕްގެ ބައެއް މަންޒިލްތަކަށެވެ.