”ދާރިސް ޓީވީ“ ގެ ނަމުގައި އާ ޓީވީ ޗެނަލެއް އިފްތިތާހުކޮށްފި
ދެންމެ | 15 އޮކްޓޯބަރ 2022

”ދާރިސް ޓީވީ“ ގެ ނަމުގައި އާ ޓީވީ ޗެނަލެއް އިފްތިތާހުކޮށްފިއެވެ.

”މަންހަޓަން ބިޒްނަސް ހޮޓެލް“ ގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޓީވީ އިފްތިތާހުކޮށްދެއްވީ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދެވެ.

”ދާރިސް ޓީވީ“ ގެ ފަހަތުގައި ތިއްބެވީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ދީނީ އިލްމުވެރިންތަކެވެ. އެ ޓީވީގެ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަނަކީ ޑރ.އަލީ ޒާހިރު ބިން ސައީދު ޤާސިމެވެ. މިއަދުގެ ރަސްމިއްޔާތުގައި ޑރ. އަލީ ޒާހިރު ވަނީ ”ދާރިސް ޓީވީ“ ގެ ވިޝަން އާއި މިޝަން ހާމަކުރައްވާފައެވެ.

މިގޮތުން ޑރ.އަލީ ޒާހިރު ވިދާޅުވި ގޮތުގައި ”ދާރިސް ޓީވީ“ ގެ ވިޝަން އަކީ ދިވެހިރާއްޖޭގެ އެންމެ މަޤުބޫލު ޓީވީ ޗެނަލަށްވުންކަމަށެވެ. އަދި އެ ޓީވީގެ މިޝަންގައި 5 ކަމެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެ ކަންތައްތަކަކީ:

 

– އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުން

– ތެދު ޚަބަރު އާންމުކުރުން

– ހުރިހާ އުމުރުފުރައަކާއި ގުޅޭ ޕްރޮގްރާމް އުފައްދާ ގެނެސްދިނުން

– ތަފާތު ދާއިރާގެ އިލްމީ ޕްރޮގްރާމް އުފައްދާ ގެނެސްދިނުން

– މުޖުތަމައުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުން

”ދާރިސް ޓީވީ“ ގެ ސްޓޭޝަން މެނޭޖަރަކީ ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒެވެ. މިވަގުތު ދާރިސް ޓީވީ ފެންނާނީ ދިރާގު ޓީވީއިންނެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް މީޑިއާ ނެޓުންވެސް ދާރިސް ޓީވީ ފެންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!