ގިރާވަރާއި އުތުރުތިލަފަޅު ބްރިޖަކުން ގުޅާލަން ވިޝަނަރީ ލީޑަރ ރައީސް ޑރ. މުއިއްޒު ނިންމަވައިފި
ދެންމެ | 27 ޖުލައި 2024

ގިރާވަރާއި އުތުރުތިލަފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް 2026 ގައި ފަށައި 2029 އަށް އެ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގިރާވަރު-އުތުރުތިލަފަޅުގެ ބުރިޖު މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ދާދި ފަހުން ޗައިނާއަށް ވަޑައިގަތް ވަޒިރުންގެ ޓީމުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވައި ގިރާވަރާއި އުތުރުތިލަފަޅު ގުޅާލުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި މި ދެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. 2026 ގައި އަމަލީ މަސައްކަތް ފަށައި ތިން އަހަރު ތެރޭ ގިނަވެގެން ތިން އަހަރު ތެރޭ 2029 ނިމެންވާއިރަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅުވާލުން،“ ރައީސް ވިދާޅުވިއެވެ.

މިހާރު ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުންދާ އިރު އެ ރަށްތަކަށް ބްރިޖަކުން މާލެއާ ގުޅާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިހާރު ވެސް މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ދަނޑުވެރިކަމުގެ މަޝްރޫއުއަށް އުތުރުތިލަފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެއަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތް އުތުރުތިލަފަޅުގައި ހައްދާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަށް އިޤްތިސާދީ ފުދުންތެރިކަން ލިބި އެތަކެތި އެތެރެކުރުމަށް ރާއްޖެއިން ކުރާ ޚަރަދު ސަލާމަތް ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުތުރުތިލަފަޅުގައި ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާއި ހަވާލު ކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުން ގޯތި ނުދީ، ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ވަނީ ނިންމާފައެވެ.

އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯންއިން ވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!