ޕީޕީއެމް ޓިކެޓް ކާޅެއްހެން ޖަހައިގަންނަށް ވަހީދަށް ފުރުސަތު ދޭކަށް ނުޖެހޭ: އަދުރޭ
ދެންމެ | 24 އޯގަސްޓް 2023

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް އެޕާޓީގެ ރިޔާސީ ޓިކެޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ވަޙީދު އެޕާޓީއަށް ކޮށްދެއްވިކަމެއް، އުޅުއްވި ތަނެއް ނޭނގޭކަމަށް ބުނެ ޕީއެންސީގެ ރައީސް ޓިނު އަދުރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

 

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޕީޕީއެމް ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިންއަށް އައްޑޫ ސިޓީގެ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމާ އަދުރޭ ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތާއީދު ލިބިވަޑައިގަތްކަމަށް ވިދާޅުވެ ޕީޕީއެމްގެ ނަމުގައި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ޑރ. ވަޙީދު މަސައްކަތްކުރެއްވިކަމަށް ތުހުމަތު ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަން ކަށަވަރުވުމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ރިޔާސީ ޕްރައިމެރީއެއް ބާއްވައި މުއިއްޒުއަށް ރިޔާސީ ޓިކެޓު ދޭން ނިންމާފައެވެ. ރިޔާސީ ޓިކެޓުގެ މައްސަލައިގައި އެޕާޓީ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ޑރ. ވަޙީދު ވަނީ އެޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފައެވެ.

ހިސާބުގެ އިލްމްގެ ވެރިޔާ އަދުރޭ ވަނީ ޕީޕީއެމްގެ ނަމުގައި އިތުރު ކެނޑިޑޭޓަކު ނެރުމަށް އިތުރު ވަގުތާއި ފުރުސަތު ލިބުނުކަމަށް ޑރ. ވަޙީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ ޕްލޭން ސީއަށް ދިޔައީ ޕްލޭން އޭ އަދި ޕްލޭން ބީ ވެސް ފެއިލްވުމުން ކަމަށެވެ.

”އެ ރޭ އިރު އޮއްސުނީއްސުރެ އަނެއް ދުވަހު އިރުއޮއްސެންދެން ނުނިދާ ވިއްޔާ އުޅުނީ. ފޯމްލާ ހިތުން. ފޯމުލާ ހިތުން ފޯމް ފުރައިގެން ހުރީ. ރައީސް ޔާމީންގެ ބަސްފުޅެއް ލިބޭތޯ. އެ ވަރުން ނުވެގެން ގުޅާފައި ބައެއް ބޭފުޅުންނަށް ދެންނެވި ރައީސް ޔާމީން ވިދާޅުވިއޭ ކުރިމަތިލައްވާށޭ“ ވަޙީދަށް ތުހުމަތުތަކެއް ކުރައްވައި އަދުރޭ ބުންޏެވެ.

ޓިނު އަދުރޭ ބުނީ މުއިއްޒު ޓިކެޓު ހޯއްދެވީ އެމަނިކުފާނުގެ ކުޅަދާނަކަމުންކަމަށާއި ވަޙީދަށް ޓިކެޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ރިޔާސީ ޓިކެޓަށް ވަޙީދު އުންމީދުކުރެއްވުމުން ޢަބްދުއްރަޙީމް ވަނީ ސުވާލުކުރައްވާފައެވެ.

”ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމަށް ކޮށްދިނީ ކޮންކަމެއް ތޯ؟ ކޮން ޚިދުމަތެއް ތޯ ކޮށްދިނީ؟ ކޮންތާކުތޯ އުޅުއްވީ؟ ދެން ހަމަ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެހެން ހީވީމަ ފިޔަދަމާލާފައި އޮތް ބާޒެއްހެން އައިސް ޕީޕީއެމް ޕީއެންސީ ތެރެއަށް ޖެހިގަނެފައި ޓިކެޓު ދޭށޭ ބުނީމަ އަޅުގަނޑުމެން ދޭނެތޯ“ އަމާ އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!