ރާއްޖޭގައި ޓިކްޓޮކް ތަރިންނަށް ފައިސާ ލިބޭ ގޮތް ހަދަނީ
ދެންމެ | 28 ޖުލައި 2024

ރާއްޖޭގައި ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ޓިކްޓޮކް ”މަނިޓައިޒް“ ކުރުމަށްޓަކާ އަދި ޓިކްޓޮކުން ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކާ ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ސަރުކާރުގައި ވެސް އެހީ އަށް އެދިގެން ކަމަށެވެ.

”ކުރިއެރުންތަކެއް އަޅުގަނޑުމެންނަށް އެބަދޭ އިރާދަކުރެވިއްޔާ ލިބެމުން. ޖުމްލަ ގޮތެއްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި މިހުރި ގޮންޖެހުންތަކެއްގައި އަދި ހާއްސަކޮށް އީ ކޮމާސްގެ ތެރޭގައި މިހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން އަޅުގަނޑުމެން 8 މަސް ދުވަސްތެރޭގައި އާދެވިފައި ތިބި ހިސާބު މި ދެންނެވީ،“ ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ދާދިފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ޔޫޓިއުބް އިން ވެސް ފައިސާ ލިބޭނެ ގޮތް ހެދުމާއި ގުޅޭގޮތުންނާއި ގޫގުލް ޕޭގެ ހިދުމަތާއި ގުޅޭގޮތުން ވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ޗައިނާގެ ޓިކްޓޮކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެޕެކެވެ. މި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ބިލިއަނަކަށް ވުރެ ގިނަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!