ކަރަންޓާއި ނުލައި ގައުމުގެ އިގުތިސާދީ މިނިވަންކަން ޔަގީން ނުކުރެވޭނެކަމަށް ސްޓެެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްގެން ޝަރަފާއި މެޑަލް ހާސިލްކުރި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި 16 މުވައްޒަފުންނަށް އެ ކުންފުނިން މިއަދު ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.
އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ހަފްލާގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިޤުތިސާދީ މިނިވަންކަން ހީނަރުވާނެކަމަށެވެ. އަދި ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިސާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްގެން ޝަރަފާއި މެޑަލް ހާސިލްކުރި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ބޭއްވި ހަފްލާއެއްގެ ތެރެއިން
”އަޅުގަނޑުމެން ހިދުމަތް ކުރަނީ، އަދި މިހާތަނަށް ހިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ހިދުމަތް ކުރާނީ ދިވެހި ދައުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ހިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ ހިދުމަތް ކުރަނީ. ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ހިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ހިދުމަތުގަ، ރައްޔިތުންނަށް މި ދޭ ހިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިޤުތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް“ ފަހުމީ ވިދާޅުވި އެވެ
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްގެން ޝަރަފާއި މެޑަލް ހާސިލްކުރި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ބޭއްވި ހަފްލާއެއްގެ ތެރެއިން
ފަހުމީ ވަނީ ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.