އެމްޕީއާރުސީ މައްސަލަ ބަލަން ރައީސް ޑރ. މުއިއްޒަކަށް ނުކެރޭނެ: ޔާމީން
ދެންމެ | 30 ޖުލައި 2024

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ މައްސަލަތައް ތަހުގީގު ކުރަން މިނިވަން ރިޔާސީ ކޮމިޝަނެއް އެކުލަވައިލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ”ޗެލެންޖު“ ކުރައްވައިފި އެވެ.

ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ދުވަސްވަރު އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި، ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވިދާޅުވި ވާހަކައަށް، ރޭ ބޭއްވި ޕީއެންއެފްގެ ފްރަންޓު އޮފީސް ޖަލްސާގައި ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތު މި ސަރުކާރުގެ އިސް ވެރިންނަށް ކުރެވޭ އިރު، ތަހުގީގީ އިދާރާތަކަށް އެ މައްސަލަތަކެއް ނުބެލޭނެ އެވެ.

”ބަލަން ހިތްވަރު ހުރެއްޖެކަމަށް ވަންޏާ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޗެލެންޖު ކޮށްފައި ދަންނަވާ ވާހަކައެއް މިއީ، ނުފޫޒުން އެއްކިބާވެގެން މުއައްސަސާތަކަށް މި ކަންކަން ނުބެލޭ ކަމަށް ވަންޏާ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަންވީ ނުންތޯ ރިޔާސީ ކޮމިޝަނެއް،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ސުޕާ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން، ފުލުހުންނަކަށް ވެސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކަށް ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކެއް ނުބެލޭނެ އެވެ.

އެ ކޮމިޝަންގައި ތިބެންޖެހޭނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީތަކަށް ނިސްބަތް ނުވާ، މިނިވަން މީހުންނެވެ. މި މައްސަލައިގެ ތަހުގީގު ރައްޔިތުން ބަލައިގަންނާނީ އޭރުން ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ.

”…ދުވަހަކު ވެސް ކޮރަޕްޝަން ބަލަން ނުކެރުނު ވަރަށް ބަލާނަމޭ ބުނާ ކަމަށް ވަންޏާ، އަޅުގަނޑު މި ދެނީ ޗެލެންޖެއް،“ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަން އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، މި މައްސަލައިގެ އެންމެ ބޮޑު މޭސްތިރި އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިނިވަން ކުރުމުން ރާއްޖޭން ބޭރުގައި ހުންނެވުން ކަމަށެވެ.

އަދި އެމްއެމްޕީއާރުސީ މައްސަލަ ބަލަން ފަށައިފި ނަމަ އަދީބު އެނބުރި ރާއްޖެ އަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ޔާމީން ރޭ ތުހުމަތު ކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމަށް ވާއިރު، އެ މަނިކުފާނަށް އަދި އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް އެ މައްސަތައް ނުބެލުނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!