ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކޮށްފި
ދެންމެ | 13 ޖުލައި 2023

ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުންތަކެއް އިސްވެ ތިއްބަވައިގެން އުފެއްދެވުމަށް ހުށަހެޅި ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓަރީކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދެވުމަށް ހުށަހެޅުއްވީ ރައީސް ނަޝީދާ އެންމެ އަރިސް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފުއެވެ. އެ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން ގިނަ ދުވަސްތަކަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން ލަސްކުރުމަށްފަހު މި މަހުގެ 2 ވަނަ ދުވަހުގައި ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމުން އެ ޕާޓީންވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ 5 ވަނަ ދުވަހުގައި ބާއްވާފައެވެ.

އެ ޖަލްސާގައި ބައިވެރިވާންޖެހެނީ 300 މީހުން ނަމަވެސް އެ ޖަލްސާގައި އެ ޕާޓީ އުފެއްދުމަށް ސޮއިކުރި 500 އެއްހައި މެންބަރުން ބައިވެރިވިއެވެ. އެ ޖަލްސާގައި ޕާޓީގެ ލޯގޯއާއި ނަމާއި، އަސާސީ ޤަވާއިދު ފާސްކޮށްފައިވެއެވެ.

އެ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީއަށް އެމަނިކުފާނު އަދި ސޮއިނުކުރައްވައެވެ. އެ ޕާޓީ ހިންގުމާ ގުޅޭ ގިނަ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގެން ޕާޓީގެ ޖަލްސާތަކުގައިވެސް އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި ހަފުތާ ބުރާސްފަތިދުވަހުގައި ރައީސް ނަޝީދު ”ދަ ޑިމޮކްރެޓްސް“އަށް ސޮއިކުރައްވާނެކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލު ހަބީބު ވިދާޅުވީ ޕާޓީ ރަޖިސްޓަރީކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމައިފިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!