ރީތި އައިސަތު އަލީއަށް ހުތުރު އަމަލެއްގެ ތަހްގީގް ކުރަން ފަށައިފި
ދެންމެ | 30 ޖުލައި 2024

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް އޭނާ ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ”މިހާރު“ އަށް މިއަދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި އައިޝަތު އަލީގެ ރަސްމީ އީމެއިލް އެކައުންޓުގައި ހުރި ހުރިހާ އީމެއިލްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ޑިލީޓްކުރި މައްސަލައެއް ބަލައިދިނުމަށް އެދި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ.

ވީހާ ވެސް އަވަހަށް އެކަން ތަހުގީގު ކޮށްދިނުމަށް މިނިސްޓްރީން އެދިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރީގައި މަގާމު އަދާކުރެއްވި އެހެން އެޑިއުކޭޝަން މިނިސްޓަރުންގެ ރަސްމީ އީމެއިލްތައް މިހާރު ވެސް އެބަހުރި ކަމަށެވެ.

”އެކަމަކު، އެންމެ ފަހުގެ މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރައްވާފައިވާ ކަން އަޅުގަނޑުމެންނަށް ފާހަގަވީ،“ އޭނާ ވިދާޅުވި އެވެ.

އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށިއިރު، އޭނާގެ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިއަދު މެންދުރު 1:15 ގައި އެ ކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވަނީ ކީއްވެގެންތޯ ވަނީ ސުވާލު އުފައްވައިފަ އެވެ.

”ނޮވެމްބަރު 17، 2023 ގެ ފަހުން މި އެކައުންޓުން އެއްވެސް ފަރާތަކަށް އީމެއިލްއެއް ލިބިއްޖެ ނަމަ އެއީ އަޅުގަނޑުގެ ފަރާތުން އައި އީމެއިލްއެއް ނޫން ކަން ފާހަގަކުރަން.“ އައިޝަތު އަލީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!