ރައްޔިތުންގެ އެތައް މިތަނަށް ފިތާލުމަށް ފަހު ބީއެމްއެލުން 448 މިލިޔަނުގެ ފައިދާއެއް ހޯދައިފި
ދެންމެ | 30 ޖުލައި 2024

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

 

މިއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރަށް ވުރެ 103 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސާފު ފައިދާ ދެވަނަ ކުއާޓަރުގައި ދަށްވީ ކުންފުނި ހިންގުމުގެ ހަރަދު އިތުރުވެފައި ވާތީ އެވެ.

ބީއެމްއެލްގެ ސާފު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ކުންފުނީގެ ހިންގުމުގެ ފައިދާ ވަނީ ތިން ޕަސެންޓަށް އިތުރުވެފަ އެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނީ 698 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓު ބުނާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކުން ވަނީ 2.8 ބިލިއަން ރުފިޔާގެ އާ ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފަ އެވެ. މި ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުން ވެސް ކުރިއެރުން ލިބިފައިވާއިރު ބޭންކުގެ ރައުސްމާލު ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ހުރި ކަން ބޭންކުން ފާހަގަކުރެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 44.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އިންފްލޭޝަނާ ގުޅިގެން އަންނަ ޕްރެޝަރުތަކާ އެކު ވެސް ހިންގުމުގެ ހަރަދުތައް ހިފެހެއްޓިފައި ވާއިރު، ޕްރޮވިޝަން ކަވާ ހުރީ ހަރުދަނާކަމާ އެކު 100 އިންސައްތައިގައި ކަމަށް ބޭންކުން ބުންޏެވެ.

މި ނިމުނު ކުއާޓަރުގައި ބޭންކުން ވަނީ ގިނަ ހިދުމަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ހަމަތަކަށް ފެތޭ ފުރަތަމަ ކްރެޑިޓް ކާޑާއި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯން ހިމެނެ އެވެ. އަދި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން މިދިޔަ ކުއާޓަރުގައި ’ބޭންކް ފަންޑް“ އަށް އެދި ހުށަހަޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!