ކަމަލާ ހެރިސްއަށް ރިޔާސީ ޓިކެޓް ކަށަވަރުވެއްޖެ
ދެންމެ | 03 އޯގަސްޓް 2024

އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ގައުމުގެ ނައިބު ރައީސް ކަމަލަ ހެރިސްއަށް ރިޔާސީ ޓިކެޓް ކަށަވަރުވެއްޖެއެވެ.

 

ރައީސް ކަމަށް ހެރިސް ވާދަކުރައްވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައި ހެރިސްއަށް ތާއީދުކުރެއްވުމުންނެވެ.

ޑިމޮކްރެޓިކް ނޭޝަނަލް ކޮމެޓީން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި ހެރިސްއަށް ވަނީ ރިޔާސީ ރޭހުގައި ވާދަކުރެއްވޭ ވަރަށް ވޯޓު ލިބިވަޑައިގެންފައެވެ.

ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ކެންޑިޑޭޓް ހޮވާ ކޮންވެންޝަން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 22 އަށް ކަމަށް ވީ ނަމަވެސް، އޭގެ ކުރިން ނެގި އިލެކްޓްރޯނިކް ވޯޓިންއަށް ހުށަހެޅި ހަމައެކަނި ކެންޑިޑޭޓަކީ ހެރިސްއެވެ. އެ ވޯޓުގައި ޕާޓީގެ 3923 ޑެލިގޭޓަކު ވަނީ ހެރިސްއަށް ތާއީދުކޮށް ވޯޓު ލާނެ ކަމަށް ބުނެފައެވެ. ޓިކެޓް ކާމިޔާބު ކުރުމަށް ބޭނުންވަނީ 2350 ޑިލިގޭޓުންގެ ވޯޓެވެ.

އެ އަދަދާއެކު ކޮންވެންޝަންގެ ކުރިންވެސް ހެރިސްއަށް ޓިކެޓް ކަށަވަރުވީއެވެ.

ހެރިސްގެ ރަނިންމޭޓު އަންނަ ހޯމަ ދުވަހު އައްޔަނުކުރާނެ ކަމަށް ބެލެވެއެވެ.

އުމުރުން 59 އަހަރުގެ ހެރިސް އަކީ ކެލިފޯނިއާގެ އޮކްލެންޑަށް އުފަން މީހެކެވެ. އޭނާ އަކީ ޑިމޮކްރެޓިކް ޕާޓީގެ ގާތްގަނޑަކަށް 200 އަހަރުގެ ތާރީޚުގައި އެގައުމުގެ ހުޅަނގުގެ ސްޓޭޓަކުން ނެރޭ ފުރަތަމަ ކެންޑިޑޭޓެވެ.

ސެން ފްރެންސިސްކޯ ޑިސްޓްރިކްޓް އެޓާނީ ކަމުން ސިޔާސީ މައިދާނަށް ނުކުންނެވި ހެރިސް ވަނީ ކެލިފޯނިއާގެ އެޓާނީ ޖެނެރަލްކަން އަދި އޭގެ ފަހުން ސެނެޓަރުކަން ވެސް ކުރައްވައިފައެވެ.

އުމުރުން 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގެންފައިވަނީ، އޭނާގެ އުމުރު މާ ދޮށިވެއްޖެ ކަމަށް ބުނެ، ޕާޓީގެ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލު ކުރުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގޮވައިލައި ޕްރެޝަރު ބޮޑުވެގެންނެވެ. އަދި ޑިމޮކްރެޓިކް ޕާޓީއަށް އޮތް ތާއިދު ދަށްވަމުން އަންނަ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުންވެސް އޭރު ވަނީ ދައްކައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!