ކަރަންޓް ބިލު ބޮޑުވާ ސަބަބު ގެތަކަށް ގޮސް ހޯދަން ސުޓެލްކޯއިން ނިންމައިފި
ދެންމެ | 03 އޯގަސްޓް 2024

މާލެސަރަހައްދުގައި ކަރަންޓު ބިލު ބޮޑު ގެތަކަށް ސްޓެލްކޯގެ ޓީމުތައް ފޮނުވައިގެން ބިލު ބޮޑުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފެށުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެމެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ކަރަންޓް ބިލުތައް ބޮޑުވާ ސަބަބު ކަސްޓަމަރުންގެ އިތުރުން ސްޓެލްކޯ އާއި ރައްޔިތުންނަށް ވެސް ”ވާނުވާ“ އެނގެންޖެހޭ ކަމަށެވެ.

އެހެންކަމުން ބިލު ބޮޑުވާ ގޭބިސީތަކަށް ޓީމުތައް ފޮނުވައިގެން އެނާޖީ އޮޑިޓެއް ކުރަން ނިންމާފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިގޮތަށް ފޮނުވާ ޓީމުތަކުން، އެ ގޭބިސީތަކުގައި ހުންނަ ކޮޓަރީގެ އަދަދު، ގޭބިސީގައި ބޭނުންކުރަނީ ކޮންކަހަލަ އާލަތްތަކެއްތޯ އަދި ކަރަންޓު ބޭނުންކުރުމުގެ ހާލަތު ދެނެގަނެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ކަރަންޓު ބިލް ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި އެހެން ނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް މިމަހު ސްޓެލްކޯއަށް ލިބިފައިވާ ޝަކުވާ މަދު ކަމަށެވެ. އެގޮތުން ފަހުމީ ވިދާޅުވީ މިދިޔަ މަހާ އަޅާ ބަލާއިރު މިމަހު މާލޭގެ 94 އިންސައްތަ ބިލު ކުޑަކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި މާލޭގެ 6 އިންސައްތަ ބިލު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށާއި މީގެއިތުރުން ހުޅުމާލޭގެ 15 އިންސައްތަ ބިލު ވަރަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ދެ ތިން މަހު ވެސް ކަރަންޓު ބިލު ބޮޑުވެ، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ޝަކުވާކޮށްފައެެވެ. އެއާއެކު މި މަހުގެ ބިލުތައް އައިއިރު ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެެވެ.

ކަރަންޓު ބިލް ބޮޑުވުމުން ސްޓެލްކޯއަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވަމުންދާއިރު މި ޚިދުމަތުގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރުމުގެ ޒިންމާ އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން މިހާތަނަށް އައިއިރު މި ކަމުގައި އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އެ އޮތޯރިޓީ އަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކަރަންޓު ބިލަކީ ގޭގައި ހަރުކޮށްފައި އިންނަ މީޓަރަކުން ރީޑިންގް ނަގައިގެން ހަދާ އެއްޗަކަށް ވާތީ ބިލުގެ ހިސާބު ހެދުމުގައި ގޯހެއް އުޅޭނަމަ ގޭގެ ވެރިންނަށް ވެސް އެކަން އަމިއްލައަށް ޔަގީންކޮށްލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!