އައްޑޫ ހޮސްޕިޓަލް ދުނިޔޭގެ ފެންވަރަށް ތަރައްގީ ކުރަން ނިންމައިފި
ދެންމެ | 06 އޯގަސްޓް 2024

މިސަރުކާރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ މި ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށާއި އެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

އޭގެ އިތުރުން އައްޑޫ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އޭއީއެޗްގެ ޢިމާރާތް ރީޑިޒައިންކޮށް ޢިމާރާތް ކުރުމަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރ ޚަލީލް މިއަދު ވިދާޅުވިއެވެ.

“އަންނަ އަހަރުގެ ކުރީކޮޅު އަޅުގަނޑުމެންނަށް އެމަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން މިހާރުވަނީ ލިބިފައި.” ޑރ. ޚަލީލް ވިދާޅުވިއެވެ.

ޑރ. ޚަލީލް މިއަދު މިބީދައިން މަޖިލީހުގައި ވިދާޅުވެފައިވާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް 7 ބުރީގެ އައު ޢިމާރާތެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓު ބާއްވަން، ހިތަދޫގެ ކުޅި ހިއްކައިގެން ހެދި ކޮންވެންޝަން ސެންޓަރެވެ.

ނަމަވެސް، އައްޑޫގައި ހޮސްޕިޓަލަށް ވަކިން އިމާރާތެއް ހެދުމުގެ ބަދަލުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވަނީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!