ރައީސް އިބްރޭގެ ކޯލިސަން ޕާޓްނަރު ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ދެންމެ | 20 ޖުލައި 2023

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސިޔާމް މި ހަފްތާގައި ސިންގަޕޫރަށް ވަޑައިގަތުމުން އެ ޤައުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކުރީ ހިލްޓަން މައްސަލައާއި ގުޅިގެން ކަމަށްވެއެވެ. ސިޔާމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވި ކޯލިޝަނުގެ މައި ޕާޓްނަރެވެ. އެ ކޯލިޝަނުގައި ހިމެނެނީ ސިޔާމްގެ އެމްޑީއޭ، އެމްޑީޕީ އަދި އަދާލަތު ޕާޓީއެވެ.

ސިޔާމް ތަރައްޤީކުރެއްވި ރަށެއް ކަމަށްވާ ނ.އިރުފުށި ހިންގަން މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއާއި އެކު އެއްބަސްވުމެއް ހެދުމަށްފަހު، ސަން ކުންފުނިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލާގައި، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭންޖެހޭނެކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ. އެކަމަކު އެ ނިންމުމަށް އަމަލުނުކޮށް ސަން ކުންފުނިން ވަނީ އެ ފައިސާ ދޭން ދެކޮޅު ހަދާފައެވެ. އެކަމާ ގުޅިގެން ހިލްޓަން އިން ވަނީ އެ މައްސަލަ ތަންފީޒުކުރުމަށް ހުށަހަޅާފައެވެ.

ރާއްޖޭގެ ސިވިލް ކޯޓަށް ހިލްޓަން އިން ހުށަހެޅި މައްސަލާގައި ސަން ކުންފުނިން ވަނީ އެއީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށްބުނެފައެވެ.

އެއީ ހިލްޓަނުން ސަން ކުންފުނިން ލައްވައި އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށާއި އެހެންވެ، އާބިޓްރޭޝަންގެ އެ ނިންމުން ރާއްޖޭގައި ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެކަމަކު ސިވިލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މައްސަލައިގައި ނިންމީ މަކަރާއި ހީލަތުން އެއްބަސްވުމުގައި ސޮއިކުރުވި ކަމަށް ބުނާ ނުކުތާއަކީ އާބިޓްރޭޝަނުން ގޮތް ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި ދަ ނިއުޔޯކް އެ ކޮންވެންޝަންގެ ދަށުން ބޭރުގެ އާބިޓްރޭޝަންތަކުން ނިންމާ ނިންމުންތައް ވެސް ކޯޓުތަކުން ތަންފީޒުކޮށްދޭން ޖެހޭއިރު، ރާއްޖެއަކީ އެ މުއާހަދާގެ ބައިވެރިއެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އެވެ.

އަދި މިއަހަރުގެ ފެބްރުއަރީ މަހު އެ ފައިސާ 2 ހަފްތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ކުންފުނީގެ މައްޗަށް އަމުރުކުރިއެވެ. ނަމަވެސް އެ އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!