ރާއްޖޭގެ މަސްވެރިކަން ދައްވެ މަސްް ގަންނަން ލިބުން ދަތިވެ ބާޒާރުގައި ރިހާކުރުގެ އަގު 390 އަށްވުރެ މައްޗަށް އަރައިގެން ގޮސްފިއެވެ.
ރިހާކުރުގެ އަގުބޮޑުވެ އާންމުން ޝަކުވާ ކުރަމުން އަންނައިރު އެ މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ރިހާކުރުގެ އަގު އުފުލުނީ މަސް ގަންނަން ތިޔާގިކަމާއެކު ނުލިބުމުން ކަމަށެވެ.
ބާޒާރުގައި މީގެކުރިން ރިހާކުރުގެ އަގު އުޅެނީ 110 އަކާއި 190 އާ ދެމެދުގައެވެ. ނަމަވެސް މިހާރު އެ އަގުވަނީ 220 އާއި 390 އާއި ދެމެދަށް އުފުލިފައެވެ.
ރިހާކުރު ހެދުމަށް މަޝްހޫރު މ.ވޭވަށު، އަބްދުﷲ ފައިސަލް ”ސަން“ އަށް ބުނި ގޮތުގައި އޭނާއަށް ވެސް އެ ދަތި އަންނަނީ ކުރިމަތިވަމުންނެވެ.
ފައިސަލް ބުނީ، މިއީ ވޭތުވެދިޔަ ތަނުގައި ދުވަހަކު ވެސް ރިހާކުރުގެ އަގު އަރައިގެން ދިޔަ ވަރެއް ނޫން ކަމަށެވެ.
”މަސް ވެރިކަން ދައްވީމަ އެއީ އަސްލު. މަސް ގަންނަން ނުލިބުނީމަ އަސްލު، މި ވޭތުވެދިޔަ ތަނުގައި ދުވަހަކުވެސް މި ވަރަށް ރިހާކުރުގެ އަގު ނުއުފުލޭ،“ ފައިސަލް ބުންޏެވެ.
ރިހާކުރުގެ އަގު އުފުލިގެން އާންމުން ޝަކުވާ ކުރަމުންދާއިރު މަހުގެ އަގުވެސް ބާޒާރުގައި އުޅެނީ ހަމަ މިފަދަ ގޮތަކަށެވެ. މީގެކުރިން 80 އަށް ނުވަތަ 85 އަށް ބާޒާރުގައި ލިބެންހުރި ވަޅޯމަސް ކިލޯގެ އަގު މިހާރު އުޅެނީ 220 އަށެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފިހާރަތަކުގައި މަސް ހުސްވެ މާލޭގެ މަސްމާރުކޭޓުން ވެސް މަސް ގަންނަން ނުލިބުމުން އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
މަހާއި ރިހާކުރުގެ އަގު އަރައިގެންދަނީ މަސްވެރިކަން ދައްވުމުންކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިފްކޯއިން ވަނީ މެދުރާއްޖެތެރޭގެ މަސްވެރަކަން ރަނގަޅުވުމުން މަސްކިރާ ބޯޓުތައް އެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ބުނެފައެވެ.