ރާއްޖޭގެ މިސްރާބު ހުރީ ފެޑެރަލް ސިސްޓަމަކާއި ދިމާއަށް: މިނިސްޓްރީން
ދެންމެ | 07 އޯގަސްޓް 2024

ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ފެޑެރަލް ސިސްޓަމަކާ ދިމާލަށް ދާ މަންޒަރު ރާއްޖޭގައި މިހާރު ފެންނަމުންދާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ވިދާޅުވީ ގައުމުގެ ހިންގުން ސަރުކާރުތަކަށް ބެހިގެން ގޮސް، ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިފައިވާ ކަމަށެވެ. މިހާރު މި އޮތް ސިސްޓަމުން، ފެޑެރަލް ސިސްޓަމަކާ ދިމާލަށް ރާއްޖޭގެ ކަންތައްތައް ދާ މަންޒަރު ފެންނަ ކަމަށް މާހިރު ވިދާޅުވި އެވެ.

”ވަކިވަކި ސަރުކާރެއް ކުދި ސަރުކާރު. މިހާރު އަޅުގަނޑުމެންނަށް ނިސްބަތްކޮށް ކައުންސިލްތަކުން އަޅުގަނޑުމެންނަށް ނިސްބަތްކޮށް މައި ސަރުކާރު، ރަށު ސަރުކާރު. ސަރުކާރުތަކަށް ބެހިގެން ގޮސްފައި މި ވަނީ ޔުނިޓީ ސިފަ ގެއްލިފައި،“ އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ލާމަރުކަޒީ ނިޒާމު ތައާތަފުކުރި ފަހުން ގާނޫނަށް ބޮޑެތި އިސްލާހުތައް އެކި ފަހަރު މަތިން ގެނެސް ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ، ނުއުފުލެވޭ ވަރުގެ ޒިންމާތަކެއް ހަވާލު ކޮށްފައިވާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކައުންސިލަރުންގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ އިތުރުވެ، ހަރަދު ބޮޑު މައްސަލަ ވެސް ވަރަށް ބޮޑެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް މިއަދު ހާޒިރުކުރީ، މީގެ ކުރިން އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ހެދި ”އަތޮޅުގެ“ ނުވަތަ ސްޓޭޓް ހައުސްގެ މައްސަލައިގަ އެވެ.

މާހިރު ވިދާޅުވީ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި އެ އިމާރާތްތައް ހުއްޓަސް އެއީ ދައުލަތުގެ ތަންތަން ކަމަށެވެ. އެ ތަންތަން ކުއްޔަށް ދޫކޮށްގެން ކައުންސިލްތަކަށް މިހާރު އާމްދަނީ ލިބުނަސް ތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހެނީ ފިނޭންސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އެ އިމާރާތްތައް ހިންގުމަށް ކައުންސިލްތަކާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެކަމަކު، ކައުންސިލްތަކުން ބޭނުންވާ ބަދަލުތައް ވެސް އެ ތަންތަނަށް ގެންނަ ކަމަށް ވިދާޅުވި އެވެ.

މާހިރު ވިދާޅުވި ގޮތުގައި ސްޓޭޓް ހައުސްތަކަކީ ރައީސުންނާއި ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ތިއްބަވާ ތަންތަނަށް ވާތީ، އެ ތަންތަން މަރާމާތުކޮށް، ދައުލަތުން ބަލަހައްޓަން ޖެހެ އެވެ.

ލޯކަލް ގަވަމެންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމް ވިދާޅުވީ، ސްޓޭޓް ހައުސްތައް ވަރަށް ބޮޑަށް މަރާމާތުކުރަންޖެހޭ ކަމަށެވެ. އެ އިމާރާތްތައް ނެތް ރަށްރަށުގައި ސްޓޭޓް ހައުސް އަޅަން ނިންމާފައިވާ ކަމަށް ފަތުހީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައެއް ކައުންސިލްތަކުން ސްޓޭޓް ހައުސް އިން ރަނގަޅު އާމްދަނީއެއް ހޯދަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސުންނަށް ލިވިން އެލަވަންސް ދެމުން އައި ނަމަވެސް އަތޮޅު ކައުންސިލެއްގެ ރައީސް އެ އެލަވަންސް ނަންގަވައިގެން އޭނާގެ އާއިލާ އެކު، އެ ރަށުގެ ސްޓޭޓް ހައުސް ނުވަތަ މަރިޔާދު ގޭގައި ދިރިއުޅުއްވަމުން ގެންދަވާ ކަމަށެވެ.

އެހެންވެ، އެ ސްޓޭޓް ހައުސް އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށް ހާމިދު ވިދާޅުވި އެވެ. ނަމަވެސް، ގިނަ ސްޓޭޓް ހައުސްތައް ބޭނުންކުރަނީ އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ އަތޮޅުވެރިޔާ ހާމިދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!