މަސް ބަންދުކުރާ ކާރުހާނާއެއް ހުޅުމާލޭގައި އަޅަން ނިންމައިފި
ދެންމެ | 07 އޯގަސްޓް 2024
މަސް ބަންދުކުރާ ފެސިލީޓިއެއް ހުޅުމާލޭގައި އަޅަން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވީ ކުދިފަންތި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް އެކްސްޕޯޓު ކުރުމަށްޓަކައި ކުޑަ ޕެކިން ފެސިލިޓީއެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

މި ފެސިލިޓީ އެޅުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމަޖެހިފައިވާ ކަން ސިނާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ގޮތަކާ ގުޅޭގޮތުން މިފްކޯއާއެކު މަޝްވަރާކުރަމުން އަންކަމަށެވެ. ސިނާން ވިދާޅުވީ މި ފެސިލިޓީ އަޅާނީ ހުޅުމާލޭގައިކަމަށެވެ.

“ ވިސްނުން ހުރީ ހުޅުމާލޭގައި މިފްކޯއިން އެ ފެސިލިޓީ ތަރައްގީ ކުރިޔަސް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މަދުން މަސް އެކްސްޕޯޓުކުރާ ފަރާތްތަކަށް ނޫނީ ޔޫނިއަންތަކަށް ދޭން. “ ސިނާން ވިދާޅުވިއެވެ.

މި ފެސިލިޓީ ގާއިމުކުރުމުން މިހާރު މަސް އެކްސްޕޯޓްކުރާ ކުދި ވިޔަފާރި ވެރިންނަށް ހަރަދަށް ބޮޑުތަނުން ލުޔެއް ލިބިގެންދާނެކަމަށް ޕިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މާލެ އަތޮޅުގައި އޮންނަ ކ. ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތަކެއް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންކަމަސްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!