ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަރިހުގައި މިހާރު ތިއްބެވި ޑރ. މުހައްމަދު ޖަމީލު އަދި މުހައްމަދު މަލީހު ޖަމާލަކަށް ވެސް އޭނާއާ އެއްވަރަށް ސިޔާސީ ކުޅިބައި އަތުރަން ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހޯދައިދެއްވީ، އޭނާއާ އޭނާގެ ޓީމުން ކަމަށާއި ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށެވެ.
”އަޅުގަނޑު މި ދަންނަވަނީ ޖަމީލަކަށް ވެސް، މަލީހަކަށް ވެސް، ރައީސް ޔާމީނަކަށް ވެސް، ސިޔާސީ ކުޅިބައި އަޅުގަނޑާ އެއްވަރަށް އަތުރާކަށް ނޭނގޭނެ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިހާރު ކިތަންމެ ބޮޑަށް އޭނާއަށް ޔާމީން ފާޑުވިދާޅުވި ނަމަވެސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމް/ޕީއެންސީ ހިންގޭނެ މީހަކީ އޭނާ ކަމަށް ރައީސް ޔާމީން ޖަލްސާއެއްގައި ވިދާޅުވެފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީނަށް މި ސަރުކާރު ކަމުނުގޮސް ރައީސް މުއިއްޒުއާ ހިތްހަމަޖެހިވަޑައިނުގަތީ ރައީސްގެ މައްޗަށް އެހެން މީހެއްގެ ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވުމުންނާއި އެހެން މީހަކު ވެރިކަންކުރާތަން ބަލަން ޔާމީނަށް ކެތްނުވާތީ ކަމަށެވެ.
”އެ ރޭ (ރައްޔިތުންނަށް ޝުކުރު އަދާކުރަން ސޯޝަލް ސެންޓަރުގައި ޖަލްސާ ބޭއްވި ރޭ) ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތިމަންނަގެ މައްޗަށް އެހެން އެއްވެސް މީހެއްގެ ބާރެއް ނުހިނގާނެއޭ، ތިމަންނަގެ މައްޗަށް ހިނގާނީ ރައްޔިތުންގެ ބާރޭ. އެއީ މައިގަނޑު ސަބަބަކީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ، އޭނާއަށް އަމާޒުކޮށް ޔާމީން ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ބަލަން ކޮމިޓީއެއް ހެދުމަށް ރައީސް މުއިއްޒަށް ގޮވާލައްވައިފައެވެ. އަދި އެ ކޮމިޓީގެ ޗެއާއަކަށް ރައީސް ޔާމީން ލައި، ޖަވާބުދާރިވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ،