ގާނޫނު އަސާސީ ފަސޭހައިން ބަދަލުނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހެޅުއްވި އިންޝުއަރެންސް ބިލުގެ ބަހުސްގަ އެވެ.
މިއަދަކީ ފެހި ގާނޫނު އަސާސީއަށް 16 އަހަރު ފުރޭ ދުވަހަށްވާއިރު އެކަމަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ހަތަރު ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، ދެ ފަހަރެެއްގެ މަތިން ގާނޫނު އަސާސީއަށް ގެނެސްފައިވަނީ ވަރަށް ’ލުއި‘ ބަދަލުތަކެއް ކަމަށެވެ.
ފެހި ގާނޫނު އަސާސީ އެކުލަވާލެވުނުއިރު ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް ވިދާޅުވީ އެ ދުވަސްވަރު ގާނޫނު އަސާސީ ފާސްވެގެން ދިޔައިރު އޮންނަނީ އެހާ ފަސޭހައިން ބަދަލު ގެނެވޭ ގޮތަކަށް ނޫން ކަމަށެވެ.
”ގާނޫނަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނު އަސާސީއާ ނުކުޅެވޭ ގޮތަށް. އޭރު އޮންނަނީ“ – ގާސިމް
އެމްއެމްއޭއެގެ ކުރީގެ ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ އެ ދުވަސްވަރު ގާނޫނަށް ބަދަލު ގެނެވެނީ ހާއްސަ މަޖިލީސް އެއްކޮށްގެން ކަމަށެވެ. އަދި އެކަން އެގޮތަށް އޮތުމުގެ މުހިއްމުކަން މިއަދުވެސް ހަނދާނަށް އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެހެން ނޫނިއްޔާ 75 އިންސައްތަ އިން ލިބޭ ވޯޓުން ގާނޫނު އަަސާސީ ބަދަލުވެއްޖެނަމަ އޭގައި ހުރި ނުރަނގަޅު ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.
”ހާއްސަ މަޖިލީސް އެއްކޮށްގެން އެކަން ކުރެވެނީ. އެކަން އެގޮތަށް އޮތުމުގެ މުހިއްމުކަން އަޅުގަނޑަށް ހަނދާނަށް އަންނަނީ. އެހެން ނޫނިއްޔާ 75 އިންސައްތަ އިން ލިބޭ ވޯޓުން ގާނޫނު އަަސާސީ ބަދަލުވެއްޖެއްޔާ އޭގައި ހުރި ނުރަނގަޅު ކަންކަމާއި މެދު ވިސްނަން ޖެހޭ“ – ގާސިމް
ފެހި ގާނޫނު އަސާސީ ވުޖޫދުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު އޮގަސްޓް 7, 2008 ގައެވެ.