އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭގޮތުން އަސްލެއް ނެތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، ޝަހީމްގެ ދިފާއުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ނިކުންނަވައިފި އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެވެސް މައިންބަފައިންނާއި ފިރިންނާއި އަނބި ދަރިން އަދި އާއިލާއެއް އޮންނާނެ ކަމަށެވެ. ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައި ޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާއި ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
”ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް. އަދި ހަމަ އެފަދައިން އެކި ފަރާތްތަކުގެ އަބުރު ކަތިލުމަށް ހަގީގަތާއި ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން،“ ޝާހިދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އެފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭ ކަމަށާއި އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ހަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސް ނުބުނެ ތިބެގެން ނުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ އެ ޕޯސްޓާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވަމުން ޝަހީމް ވަނީ ޝާހިދު ދެއްވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ޝާހިދު އަބަދުވެސް ބަހައްޓަވާ ގާތްކަމުގެ އަގުވަޒަން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.