ބަންގްލަދޭސްގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިލްމާއި ހިލްމްވެރި ޔޫނުސަށް ރައީސް ތަހްނިޔާ ދަންނަވައިފި
ދެންމެ | 08 އޯގަސްޓް 2024

ބަންގްލަޑޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާކަމަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖެއްސެވުމާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒި މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބަންގްލަޑޭޝްގައި ވަގުތީ ސަރުކާރެއް ގާއިމްކޮށް، ވެރިއަކަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖެއްސެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޝޭހް ހަސީނާ އިސްތިއުފާ ދެއްވައި ގައުމުން ފިއްލެވުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޒަމާންވީ އެކުވެރިއެއްގެ ގޮތުގައި އަދި ގާތް ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން އިން އެދެނީ ޔޫނުސްގެ ލީޑަޝިޕްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެއްބައިވަންތަކަމާއި ސުލްހައާއި ފާގަތިކަން ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވީ ވަޒީފާގެ ކޯޓާގެ މައްސަލައިގައި ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވުމަށްފަހު، ގައުމު ދޫކުރައްވައި ހަސީނާ ވަޑައިގަތީ އިންޑިއާ އަށެވެ.

ވަގުތީ ސަރުކާރުގެ ވެރިއަކަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖައްސަން ނިންމީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީނާއި އަސްކަރިއްޔާގެ އިތުރުން ހަސީނާ މަގާމުން ބޭރުކުރުމަށް ބޮޑެތި މުޒާހަރާތަކެއް ރޭވުމުގައި އިސްކޮށް އުޅުނު ދަރިވަރުންގެ މެދުގައި މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ.

އުމުރުން 84 އަހަރުގެ ޔޫނުސް އާއި އޭނާގެ ގްރަމީން ބޭންކަށް 2006 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބުނީ ބަންގްލަދޭޝްގެ ފަގީރު ހިސާބުތަކުގެ މީހުންނަށް ކުދި ލޯނު ދީގެން އެ މީހުން ފަގީރުކަމުން ސަލާމަތް ކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށެވެ. ނަމަވެސް ޔޫނުސްގެ މައްޗަށް ކޯޓުން ވަނީ ވައްކަމުގެ ތުހުމަތުކޮށްފައެވެ. އެ ތުހުމަތުތަކަށް ޔޫނުސް އިންކާރުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!