އާއިލީ ލޯތްބާއި އުފާވެރިކަމަކީ އެންމެންގެ ހައްގެއް: ހުތުބާ
ދެންމެ | 09 އޯގަސްޓް 2024

ސަރުކާރުގެ ބެލުމުގެ ދަށުގައި އެތައްބަޔަކު ތިބުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި، އާއިލީ ލޯތްބަކީ އެންމެންގެ ހައްގެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އާއިލީ ގުޅުން ދެމެހެއްޓުމުގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، އާއިލީ ވެއްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ހައްގެއް ކަމަށެވެ. އެ ހައްގުން އާއިލާގެ މެމްބަރަކު މަހުރޫމް ކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

”ޚާއްސަކޮށް އުމުރުން ދުވަސްވީ އާއިލާ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތައް އެފަރާތްތަކުގެ އާއިލާތަކުގެ އަޅާލުމެއް ނެތި މިފަދަ މަރުކަޒުތަކުގައި ދިރިއުޅެން ޖެހުމަކީ އެފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ވަނީ ފާހަގަކުރެވިފައި،“ ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މިކަންކަންމާމެދު ފުންކޮށް ވިސްނައި، އާއިލީ ގުޅުން ވަރުގަދަކުރުމަށްޓަކައި އާއިލާގެ މެމްބަރުންނަށް އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ހައްގު ހޯދައިދިނުމަށް ކޮންމެ ފަރުދަކު މަސައްކަތްކުރަންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އާއިލާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާތްﷲގެ ޝިއާރުތައް މަތިވެރިކުރާނެ، މުޖުތަމައު ބަލަހައްޓައި ނަގަހައްޓައި ދިފާއުކުރާނެ ގާއިދުންނާއި، ފަހުލަވާނުން އުފެއްދުން ކަމަށެވެ. އަދި މުޖުތަމައުއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން މީހުން ބިނާކުރުމަކީ ވެސް އާއިލާގެ ޒިންމާއެއް ކަމަށް ޚުތުބާގައި ބުންޏެވެ.

”އޭގެތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި ފާރަވެރީން އުފެއްދުން ހިމެނޭ،“ ޚުތުބާގައި ބުންޏެވެ.

މި މަސްއޫލިއްޔަތު އަދާކުރެވޭނީ އާއިލީ ޒިންމާ ރަނގަޅަށް އުފުލިގެންކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، ތަނަވަސްކަން ލިބިގެންވާ މީހުން، ދަތި ހާލުގައި އުޅޭ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިވެދޭން ޖެހޭކަމަށެވެ.

އާއިލީގުޅުން ބަދަހިކުރުމުގެ ތެރޭގައި އިހްތިރާމު ކުރުމައި އަގުވަޒަންކުރުން އޮންނަން ޖެހޭކަމަށް ޚުތުބާގައި ބުންޏެވެ. އަދި ބިނާކުރުވަނިވި ފާޑުކިޔުންތަކާއި ގުޅުންތައް ގާއިމްވާންޖެހޭކަމަށް ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން، އާއިލާތެރޭގައި ތައުލީމާއި ނަފުސު ކުރިއެރުވުމަށް ހިތްވަރުދީ، ހުނަރާއި އިލްމު ތަރައްގީކުރުމަށް ހޭދަކުރުމަކީ ދިރިއުޅުން ކާމިޔާބީއަށް ވާސިލުވާން އެހީތެރިވެދޭ ބާރެއްކަން އާއިލާގެ ޅަފަތުން ފެށިގެން ކޮންމެ މެމްބަރަކަށް ވިސްނައިދޭން ޖެހޭކަމަށް ޚުތުބާގައި ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!