ބަންކަރިންގެ ހިދުމަތާއިއެކު ރާއްޖެ ޑޮލަރުން 💵 ބަރާ ކޮށްލާނަން: އެމްޑީ ވަޖީހު
ދެންމެ | 09 އޯގަސްޓް 2024

ބަންކަރިންގެ ހިދުމަތް ފެށުމާއިއެކު ރާއްޖޭގެ އިގްތިސޯދަށް އެތައްހާސް ޑޮލަރެއް ވަދެގެންދާނެ ކަމަށ ްމޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އިސްމާއިލް ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން ވަޖީހު ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާ ވަރަށް ބޮޑަށް ފުޅާކޮށް މެރިޓައިމް ދާއިރާއިން އިންތިސޯދަށް މަންފާ ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެއް ކަމަށެވެ. އެގޮތުން ގިނަ ޕްލޭންތަކެއް ރޭވިފައި އެބަހުރި ކަމަށާއި ހާއްސަކޮށް އިހަވަންދިއްޕުޅަށް ބަދަލު ގެނައުމުގެ ޕްލޭންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

”ވޭދުވިޔަ ހުރިހާ ދުވަސްތަކެއްގައި ވެސް ރާއްޖޭގައި މެރިޓައިމް ދާއިރާ ތަރައްގީކުރުމަށްޓަކައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ. އެކަމު މިހާ ހިސާބަށް އައިއިރުވެސް އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވުނު. ހަމައެކަނި މާލޭގައި އޮތް ޕޯޓް. އަދި އުތުރާއި ދެކުނުގައި އޮތް ޕޯޓް ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރެވޭެ. އެހެންވީމަ ރައީސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މެރިޓައިމް ދާއިރާ މުޅި ރާއްޖޭގައި ފުޅާކުރެއްވުމަށް. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ އުތުރުގައި އެ މަސައްކަތް ކުރުން . އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ބަންކަރިން ހިދުމަތް ދިނުން.“ ވަޖީހު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން ތައްޔާރުވަމުންދާއިރު އެކަމު ގިނަ މަސައްކަތަކެއް އެމްޕީއެލްއިން ކުރަމުންދާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. އެގޮތުން އެތަނުގައި ގާއިމްކުރަން ޖެހޭ އިމާރާތްތަކުގެ މަސައްކަތް ކުރަނި އެ ކުންފުނިން ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަމުންދަނީ އުލިގަމުގައި ކަމަށް ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ މިހާރު އެ އިމާރާތްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު އެ އިމާރާތްތައް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެސްޓިއޯއިން މި މަހުގެ 22 ވަނަ ދުވަހު ބަންކަރިންގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

”ކުރަން މި އުޅޭ މަސައްކަތަކީ އިގްތިސޯދީ ގޮތުން ރާއްޖެ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތަކެއް. ރައީސް ވިދާޅުވެފައިވާނީ މި މަސައްކަތް ފެށުމުން ރާއްޖޭގެ އޮގްތިސޯދާް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ހަމައެކަނި ބަންކަރިންގެ ހިދުމަތުން. އެއީ އެސްޓީއޯއިން ވިއްކާ ތެލުގެ އިތުރަށް. އޭގެ އިތުރުން އެމްޕީއެލްއިން ވެސް ކުރާނެ ފެން ބަންކަރިން، ކްރޫޒް ޓާނިމަލް، ޕައިލެޓް އޭޖް އަދި ބޯޓު ފަހަރަށް ބޭނުންވާ އެހެން ހިދުމތްތައް ކޮށްދެވޭނެ. މީގެ ސަބަބުންއެމްޕީއެލްއަށް މަންފާ ކުރާނެ.“، ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މިއިން ކޮންމެ ކަމަކީ ވެސް ޑޮލަރުން މުއާމަލާތް ކުރެވޭ ކަމަކަށް ވާތީ އޭގެ ސަބަބުން 400 މިލިއަން ޑޮލަރުގެ އިތުރަށް އެތަށް މިލިއަން ޑޮލަރެއް ލިބި ގެންދާނެ ކަމެއް ކަމަށެވެ. އެ ހިދުމަތާއި އެކުގައި ރާއްޖެއަށް ހީވެސް ނުކުރާހާ ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!