ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަލުން ގައުމަށް އެނބުރި ވަޑައިގަންނަވާނެކަމަށާއި، ވަގުތީ ސަރުކާރުން އިންތިޚާބު ބޭއްވުމަށް އިއުލާންކުރުމުން އިންތިޚާބުގައި އެކަމަނާ ވާދަކުރައްވާނެކަމަށް އަވާމީ ލީގުގެ ލީޑަރުގެ ދަރިކަލުން ސަޖީބް ވަޒެޑް ޖޮއި ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ޖޮއި ވިދާޅުވެފައިވަނީ ހަސީނާ އެއްވެސް ގައުމަކުން ހިމާޔަތަށް އެދިވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތްކަމަށެވެ.
ބަންގްލަދޭޝްގައި ހިނގަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ހޯމަ ދުވަހު ގައުމުން ފުރައިވަޑައިގެންނެވި ހަސީނާ މިހާރު އިންޑިއާގައި ހުންނެވިކަމަށް އިންޑިއާއިން އަންގާރަ ދުވަހު ބުނެފައިވެއެވެ.
”މިވަގުތު އޭނާ އިންޑިއާގައި ހުންނެވީ. ވަގުތީ ސަރުކާރުން އިންތިޚާބު ބޭއްވުމަށް ނިންމާ ވަގުތު އޭނާ ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވާނެ. މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި އަހަރެންގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދެއްވި ކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރު ދަންނަވަން،“ ޖޮއި ވިދާޅުވިއެވެ. އަދި ހަސީނާގެ ޕާޓީ އަވާމީ ލީގު އިންތިޚާބުގައި ބައިވެރިވެ، ”ކާމިޔާބުވެސް ކުރެވިދާނެ“ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި މަހުން ފެށިގެން ހިނގި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައިސްފައިވެއެވެ. ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތަކުގައި 400 އެއްހާ މީހުން މަރުވެފައިވެއެވެ.
ހަސީނާ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ބަންގްލަދޭޝްގެ އާމީ ޗީފް ޖެނެރަލް ވަކަރް-އުޒް-ޒަމާން ވަގުތީ ސަރުކާރެއް އެކުލަވާލާނެކަމަށް އިއުލާންކުރެއްވިއެވެ. އަދި އަންގާރަ ދުވަހު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ޕާލިމަންޓް އުވާލެއްވިއެވެ. މި ޕާލިމަންޓަކީ ހަސީނާ ހަތަރުވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޖަނަވަރީ މަހު އިންތިޚާބުކުރެވުނު ޕާލިމަންޓެވެ.
ބުރާސްފަތި ދުވަހު، ނޯބަލް އިނާމް ހާސިލް ކުރެއްވި މުހައްމަދު ޔޫނުސް ވަނީ 17 މެންބަރުންގެ ވަގުތީ ސަރުކާރެއް ހިންގުމަށް ހުވާކުރައްވާފައެވެ.