ޖާބިރާއި ޑީއާރުޕީގެ ތާއީދު ރައީސް ސޯލިހަށް.
ދެންމެ | 17 ޖޫން 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ނިންމައިފި އެވެ.

އެ ޕާޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަޝިޕްގެ ދަށުން މިހާރު ހިންގަމުން އަންނަ ޕާޓީއެކެވެ. ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއީދުކުރަން ޑީއާރްޕީން ނިންމި އިރު، އެ ޕާޓީ އަކީ ގާނޫނުގައި ބުނާ މިންވަރަށް މެމްބަރުން ހަމަނުވެގެން ދާދި ފަހުން އުވައިލަން އިލެކްޝަން ކޮމިޝަން އީސީ) އިން ނޯޓިސްދިން އެއް ޕާޓީ އެވެ.

ނަމަވެސް މިހާރު ވަނީ މެމްބަރުން ހަމަކުރަން އީސީ އަށް ހުށަހަޅައިފަ އެވެ.

ޖާބިރު ވިދާޅުވީ ރައީސް ސޯލިހަށް ތާއީދުކުރަން ޑީއާރްޕީން ނިންމީ ރައީސާ އެކު ކޯލިޝަނެއް ހަދައި އޭގެ 15 ޕަސެންޓް ހޯދާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ގައުމަށް ހަމަޖެހުން ވަރަށް މުހިންމުވެފައިވާތީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބުކުރަން ޖެހެ އެވެ. އަދި މޮޅުވާ ޓީމުގައި ހުންނަން ބޭނުންވާކަމަށާއި، މޮޅުވާނީ ވެސް ރައީސް ސާލިހު ކަމަށް ޖާބިރު ވިދާޅުވި އެވެ.

ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން ވަރަށް ގިނަ ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ރައީސަށް ތާއީދު އޮތް ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އަދި އެއްވެސް އެހެން ޕާޓީއަކުން ރަސްމީކޮށް ރައީސް ސޯލިހު އެންޑޯޒެއްނުކުރެ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ރައީސާއި ޖުމްހޫރީ (ޕާޓީ) ގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކުރައްވައި ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ޖޭޕީ އަކީ މިހާރު ވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ. އެ ކޯލިޝަންގެ މައި ޕާޓީ އަކީ ރައީސް ނިސްބަތްވާ އެމްޑީޕީ އެވެ. ދެން ހިމެނޭ ޕާޓީތަކަކީ އެމްއާރްއެމާއި އަދާލަތު ޕާޓީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!