ފޭރޭ އަންހެނާ ރިމާނާ އަނެއްކާ ވެސް ހައްޔަރު ކޮށްފި
ދެންމެ | 15 އޯގަސްޓް 2024

ރަހީނުކޮށް ބިރު ދައްކައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން، ހައްޔަރު ކުރި ރިމާނާ މޫސާ، ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ރަހީނުކޮށް ބިރު ދައްކައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން، މިދިޔަ މެއި މަހުގެ ފަހުކޮޅު ރިމާނާ މޫސާ ހައްޔަރުކޮށް ބަންދު މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ރެކޯޑުތަކުން ދައްކައެވެ.

އޭގެ ފަހުން މިއަދު އަނެއްކާވެސް އޭނާގެ މައްޗަށް ފޭރުމުގެ ތުހުމަތުވާ މައްސަލައެއްގައިވަނީ ބަންދު މުއްދަތު ޖަހާފައެވެ. ރިކޯޑްތަކުން ދައްކާ ގޮތުން ކުރީގެ މައްސަލައާއި މި ފަހަރުގެ މައްސަލައިގެ އެލްސީ ނަންބަރު ތަފާތެވެ. އެހެންކަމުން މިއީ ދެ މައްސަލައެއް ކަމަށް ބެލެވެއެވެ. ކުރީގެ ތުހުމަތުތަކާ މި ފަހަރުގެ ތުހުމަތުވެސް ތަފާތެވެ.

ކުރިންވެސް ބަންދަށް ދެ ފަހަރެއްގެ މަތިން 15 ދުވަސް ޖަހާފައިވާއިރު، މިއަދުވެސް ރިމާނާ މޫސާގެ ބަންދަށް ޖެހީ 15 ދުވަހެވެ. ރިމާނާއަކީ ހުޅުމާލޭ ފޭސް ޓޫ، ހިޔާ ފްލެޓަކަށް ނިސްބަތްވާ މީހެކެވެ. ހުޅުމާލޭގައި މީހުން ރަހީނުކޮށް ފޭރުމުގެ މައްސަލަތަކެއް މި ފަހުން ފެންމަތިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!