ފައިސާގެ ދަތިކަމެއް ނެތް، އެކަމު ހަރަދު ކުޑަކުރަން މަޖުބޫރު ކޮށްފި
ދެންމެ | 20 ޖޫން 2022

ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާ ކަމަށެވެ.

އޭގެ ސަބަބުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވަމުން ދާ ކަމަށާއި ހަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އޭގެ ބުރަ އުފުލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައި ވެ އެވެ.

”…މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް ހަރަދުތައް އިގްތިސާދު ކުރުމަށް މިވަގުތު ވަނީ ޖެހިފައި،“ ސާކިއުލާގައި ބުނެފައި ވެ އެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުއައްޒަފުންނަށް މި އަހަރު އެއްވެސް އާ އެލަވަންސެއް ދޭން ނުފެށުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ. އަދި އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

 

ހަރަދު ކުޑަކުރަން އަޅާ ބައެއް ފިޔަވަޅުތައް:

– އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު ނުހޯދުން.

– އާ ސްކޮލާޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން އެއް ކުރިޔަށް ނުގެންދިޔުން.

– އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުން.

– ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުން.

– އެ ހުރިހާ ކަމެއްގެ ތެރެއިން ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5000ރ. އަށް ވުރެ އިތުރަށް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުން.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް