އުރީދޫން ފައިސާ އޮއްސާލި އިންޓަރ އޮފީސް ގޭމް މުބާރާތް ބީއެމްއެލުން ދަމައިގެންފި
ދެންމެ | 18 އޯގަސްޓް 2024
އުރީދޫ ނޭޝަނުން ބޭއްވި ފުރަތަމަ އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ޗެމްޕިއަންޝިޕަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތަށް އޮފީސްތަކުން ހޫނު ތަރުހީބެއް ލިބުނު ކަމަށް އުރީދޫން ބުންޏެވެ.

މި މަހުގެ 13 އިން 18 އަށް އޮތް މި މުބާރާތުގައި 33 އޮފީހަކުން ބައިވެރިވި އެވެ.

މިއީ، ޓީމް ސްޕިރިޓާއި ރަހުމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އުރީދޫ ނޭޝަނުން ބޭއްވި މުބާރާތެކެވެ.

މި ޗެމްޕިއަންޝިޕުގައި އޮތް ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހެޅި 10،000ރ. ކާމިޔާބުކޮށް ޗެމްޕިއަން ކަން ހޯދީ ބީއެމްއެލްގެ ޓީމެވެ. ރަނަރަޕަށް ހުށަހެޅި 6000ރ. ކާމިޔާބުކޮށް މި މަގާމު ހޯދީ އީއެމް އެންޓްރަޕްރިޒަސް އެވެ.

މުބާރާތުގެ ތިން ވަނަ އަށް ހުށަހެޅި 3000 ރުފިޔާ ކާމިޔާބުކުރީ މި މަގާމު ހޯދި ކަސްޓަމްސްގެ ޓީމުންނެވެ.

މި މުބާރާތުގެ ”ޕަބްޖީ އެމްވީޕީ“ގެ ޓައިޓަލް ހޯދައި 1000ރ. ގެ ފައިސާގެ އިނާމު ލިބުނީ އީއެމް އެންޓަ ޕްރައިޒަސްގެ އަހުމަދު އިކްރާމަށެވެ.

މި ޗެމްޕިއަންޝިޕުގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހެޅި 4،500 ރުފިޔާ ކާމިޔާބުކޮށް އެ ޓައިޓަލް ހޯދީ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް އިންނެވެ. ރަނަރަޕްގެ ޓައިޓަލް ކާމިޔާބުކޮށް، އެ މަގާމަށް ހުށަހެޅި 3000ރ. ކާމިޔާބުކުރީ ބީއެމްއެލްގެ ޓީމެވެ. މި މުބާރާތަށް ހުށަހަޅާފައިވާ 1500ރ. ކާމިޔާބުކޮށް ތިން ވަނަ ހޯދީ އެމްއޭސީއެލްގެ ޓީމު 2 އެވެ.

މި މުބާރާތުގެ އެމްވީޕީގެ ޓައިޓަލް ހޯދައި މި ޓައިޓަލްއަށް ހުށަހެޅި 1000ރ. ކާމިޔާބު ކުރީ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްގެ އައިމަން ރަޝީދެވެ.

މި ޗެމްޕިއަންޝިޕްގައި ކުރިއަށްދިޔަ އީއޭއެފްސީގެ ޗެމްޕިއަންކަން ހޯދައި އެ މަގާމަށް ހުށަހެޅި 10،000ރ. ކާމިޔާބު ކުރީ ކޭ އެންޑް އެފް ހޯލްޑިންގްސްގެ ޖަނާން މުހައްމަދެވެ. ދެ ވަނަ އަށް ހުށަހެޅި 6000ރ. ކާމިޔާބު ކުރީ ބީއެމްއެލް ޓީމުގެ އިސްމާއިލް ނަޝާއު އެވެ. އަދި ތިން ވަނަ ކާމިޔާބުކޮށް 3000ރ. ހޯދީ މީރާ ޓީމުގެ ޖައިލަމް މުހައްމަދެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކާއި އެކި ޓައިޓަލްތައް ކާމިޔާބުކުރި ގޭމަރުންނަށް ލިބުނު ފައިސާގެ އިނާމުތައް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އުރީދޫ ނޭޝަނުން އަންނަނީ ތަފާތު އެކި އީސްޕޯޓްސް މުބާރާތްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!