ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ އަރަފާތު ހޯދުމަށް ނޯޓިސް ނެރެފި
ދެންމެ | 19 އޯގަސްޓް 2024

ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތު ކުރެވިފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހޮސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނޯޓިސް ނެރެފިއެވެ.

އަރަފާތު ހޯދުމަށް އިމިގްރޭޝަނުން ނެރެފައިވާ ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން އަންގާފައެވެ.

އިމިގްރޭޝަނުން ހޯދުމަށް އިއުލާނުކުރި އަރަފާތަކީ އޭނާ އާމެދު ބައެއް އާއްމު ފަރާތަކުން ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެކެވެ. މިގޮތުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތައް ބަލަހައްޓަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުންވެސް ވަނީ އަރަފާތުގެ މައްސަލަ އެންމެންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފެލައިން ވެލްފެއާއިން ވަނީ ބުޅާ ހިފައިގެން އެ ކަތިލުމަށްފަހު އޭގެ މަސް ކައްކައި އަދި ވިއްކާކަމުގެ ތުހުމަތު އަރަފާތުގެ މައްޗަށް ކޮށްފައެވެ.

އަރަފާތުގެ ކަންކަން އެނގޭ ބައެއް މީހުންވެސް ވަނީ އޭނާ އާ ގުޅޭ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިގޮތުން އަރަފާތު ދިރިއުޅެމުންދާ ގޭދޮށުން ބުޅަލުގެ ގުނަވަންތައް ފެނިފައިވާކަމަށް އަވައްޓެރިން ބުނެފައިވާކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ވޮއިސްއަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަރަފާތު ދިރިއުޅެމުންދިޔަ ތަނުން ކާބޯތަކެތި ތައްޔާރުކޮށް، ސައްހަ ލޭބަލް ނުޖަހައި ބާގަރ އަދި ސަބްމެރިން ފަދަ ތަކެތި ވިއްކަމުން ގޮސްފައިވާއިރު، މިތަކެތި ވިއްކުމަށް ބޭނުންކޮށްފައިވަނީ ބިދޭސީންގެ ނުފޫޒު އޮންނަ ފިހާރަތަކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!