މުއިއްޒު ކެމްޕޭނަށް ފާތުމަ ޖީބުން 3 މިލިޔަން ހަރަދު ކުރި: ޔާމީން
ދެންމެ | 19 އޭޕްރިލް 2024
އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އަމިއްލަ އެކައުންޓުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގަތުމަށް ކުރި ކެމްޕެއިނަށް ހަރަދުކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަންވެޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީއެންއެފް އޮފީހުގައި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެކު ޓީވީއަށް އެރުމަށް ފަތުމަތު އިބްރާހިމް ކައިރިން ތަކުރާރުކޮށް އެދިވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް ޓީވީއަށް ނޭރި ނަމަވެސް މުއިއްޒު ކެމްޕެއިންގައި ފައިސާގެ ގޮތުންވެސް އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެހީވެދެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަނާ ކުރެއްވި މަސައްކަތް މިހާރު ފެނުނުކަމަށް ނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

“ މެޑަމް ނުކުމެ އަމަލީ ގޮތުން މަސައްކަތް ކުރިދޯ ހަބޭހަށް. އަދި ނުވިތާކަކަށް މެޑަމްގެ އަމިއްލަ އެކައުންޓުން ހަރަދުވެސްކުރި. އެއީކީ ދިމްޔާތުން ލިބުނު ލާރިއެއް ނޫން. މެޑަމް ޖަލަށް ދިޔަ ދުވަހެެއްގައި އަޅުގަނޑު ދެންނެވިން މެޑަމްގެ އެކައުންޓުން 3 މިލިއަން ރުފިޔާ ނަގާށެ. އަޅުގަނޑު ވީއްލުނުހާ އަވަހަށް ރީ އެމްބާސް ކޮށްދޭނަމޭ. މީ މިކަމުގެ ހަގީގަތް އިނގޭތޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވުމުން އެކަމުގެ ފައިދާވެސް މުއިއްޒުގެ ކެމްޕެއިނަށް ކުރިކަމަށެވެ. އެގޮތުން ޖަލުން ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

“ މިއަދު މުއިއްޒަށް އެނގިވަޑައިގަންވަންޖެހޭ ވާހަކައެއް އެބަައޮތް. އަޅުގަނޑު ޖަލުގައި ހުރުމުން ޖަލުގެ ވޯޓަށްވީ ގޮތް ބައްލަވާ. ކިހާވަރެއްގެ ބޮޑު ތާއިދެއްތޯ މުޅި ޖަލުން މުއިއްޒަށް ލިބުނީ.“ ޖަލުގެ ވޯޓުގެ ނަތިޖާއާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖަލުގައި އެމަނިކުފާނާއި ބައްދަލވި އެތައް ބައެއް އެމީހުންގެ ރަށްތަކަށް ގުޅާ ރައީސް މުއިއްޒަށް ވޯޓް ދިނުމަށް އާއިލާތައް ކައިރިން އެދި އެކަމަށް މަސައްކަތް ކުރިކަމަށެވެ. އަދި މިކަން މިހާރު ސަރުކާރުގައި ތިބި މީހުންނަށް ނުފެނިދާނެކަމަށާއި ސަބަބަކީ މިހާރު އެކަން ފެންނަން ބޭނުން ނުވުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!