ޕްލާސްޓިކަކީ އަޅުގަނޑުމެންގެ ތިމާވެއްޓަށާއި ސިއްހަތަށް ވަރަށްވެސް ގެއްލުން ދެނިވި އެއްޗެކެވެ. ޕްލާސްޓިކުގެ ސަބަބުން ތިމާވެށި ހަލާކުވުމާއި، ސިއްހީ ތަފާތު އެކި މައްސަލަތައް ކުރިމަތިވާކަމީ އެންމެންނަށްވެސް އެނގޭ ހަގީގަތެކެވެ.
ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޕްލާސްޓިކު ފުޅިން ފެން ބުއިމުން ލޭގެ ޕްރެޝަރު މަތިވާކަން ވެސް ވަނީ ހާމަވެފައެވެ. އޮސްޓްރިއާގެ ޑަނޫބޭ ޕްރައިވެޓް ޔުނިވާސިޓީގެ ބޭސްފަރުވާއާ ބެހޭ ޑިޕާޓްމެންޓުން ހެދި މިދިރާސާއިން ދައްކާ ގޮތުގައި ޕްލާސްޓިކު ފުޅިން ފެން ބުއިމުން މީހާގެ ލޭގެ ޕްރެޝަރު މަތިވާކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައިވާއިރު، މިކަން މިހެން މެދުވެރިވަނީ ޕްލާސްޓިކު ފުޅިން ފެން ބުއިމުން ހަށިގަނޑަށް މައިކްރޯ ޕްލާސްޓިކު އެތެރެ ވާތީކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ޕްލާސްޓިކު ފުޅިން ފެން ބުއިމުން ލޭގެ ޕްރެޝަރު މަތިވެއެވެ. ނަމަވެސް، ޕްލާސްޓިކު ފުޅި ބޭނުން ކުރުން ހުއްޓާލުމާއެކު ލޭގެ ޕްރެޝަރަށް ބޮޑެތި ބަދަލުތަކެއް އައިސް ޕްރެޝަރުވަނީ ދައްވެފައެވެ. މިކަން މިހެންވަނީ ޕްލާސްޓިކު ފުޅީގައި ހުންނަ މައިކްރޯ ޕްލާސްޓިކުތައް މީހާގެ ލެއާ އެކުވުމުން ކަމަށްވެސް ދިރާސާވެރިންވަނީ ބުނެފައެވެ.