“ބުޅާ މޭން“ ހައްޔަރު ކުރީ ސިފަ ބަދަލު ކުރަން ސެލޫންގައި ހުއްޓައި: އިމިގްރޭޝަން
ދެންމެ | 20 އޯގަސްޓް 2024
މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް ރޭ އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީމީހާ ފިލައިގެން އުޅެނިކޮށް މިއަދު އަތުލައިގަތީ ސިފަ ބަދަލުކުރަން ސެލޫންއަކަށް ގޮސް ހުއްޓާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ހޯދަން އިއުލާންކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސެއިން، 32 އެވެ.

ފުލުހުން މިއަދު ހެނދުނު 10:32 ހާއިރު، އެ މީހާ އަތުލައިގަތީ މާފަންނު ދިލްބަހާރު މަގުގައި ހުންނަ ”އަހާނާ ހެއާ ސްޓައިލް“ ކިޔާ ބޯކޮށައިދޭ ތަނެއްގައި ހުއްޓަ އެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ބިދޭސީ މީހާ އެތަނަށް ގޮސް ހުރީ ސިފަ ބަދަލުކުރުމަށްޓަކައި ބޯ ބާލަން ކަމަށެވެ.

”ބޯ ބާލަން ކަމަށް ބޮޑަށް ބެލެވެނީ. ބޯ ކޮށަން ހުއްޓާ އެ މީހާ އަތުލައިގަތީ،“ އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން އިއްޔެ ބުނި ގޮތުގައި، އެ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ. އޭނާ ހޯދީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ ބިދޭސީ މީހާއާ ދިވެއްސަކު ސުވާލުކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އަންނަނީ ދައުރުވަމުންނެވެ. ބިދޭސީ މީހާ މަޑުކޮށްގެން ހުރީ މާލޭގެ ބޮޑުތަކުރުފާނު މަގުން މޭރީބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގަ އެވެ. އެއީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެކެވެ.

ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީ މީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.

ވީޑިއޯ ތައްޔާރުކުރި ދިވެހި މީހާ ވަނީ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން އެ ބިދޭސީ މީހާ ބާގާ އާއި ސަބްމެރިން ވިއްކަމުން ދިޔައީ އިނގިރޭސި ބަހުން ލިޔެ، ލޯގޯ ޖަހައިގެން ނަމަވެސް މިހާރު އޭނާ އެ ތަކެތި ވިއްކަނީ ލޯގޯ ނުޖަހައި ކަމަށް ވެސް އެ ވީޑިއޯގައި ދިވެހި މީހާ ބުންޏެވެ. އޭރު އެ މީހާ ބޭނުންކުރި ލޯގޯތައް ވެސް ވީޑިއޯ އިން ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!