ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން އެކަށޭނެ ފިޔަވަޅުތަކެއް އެޅުމަށް ޑޮކްޓަރުންގެ ޖަމްއިއްޔާއިން ގޮވާލައިފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ނެރުނު ބަޔާނުގައި ބުނީ ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ ގައިންގަޔަށް އަރާ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރާ ކަމެއް ކަމަށް އެތައް ދިރާސާއަކުން އެނގިފައިވާކަމަށެވެ.
މިފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ސްޓްރޯކް ހިމެނޭކަމަށެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާކަމަށެވެ.
ދުންފަތަކީ އެތައް ހާސް ވިހަ ކެމިކަލް މާއްދާ އަދި 250 ވިހަ އެކުލެވޭ އެއްޗެއްކަމަށާއި އޭގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ޝާއިއުކޮށްފައިވާ ގޮތުން ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުންކަމަށް ޑޮކްޓަރުންގެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ.
އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ބަލިތަކުގައި މަރުވަމުންދާއިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުން ކަން ވެސް އެމްއެމްއޭގެ ބަޔާނުގައިވެއެވެ.
ޒަމާނީ ކުލަވަރު ޖެހި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓަކީ ގެއްލުން ކުޑަ ވަސީލަތެއްކަމަށް ދައުވާ ކުރިނަމަވެސް އެތައް ދިރާސާތަކުން މިއީ ސިއްހަތަށް ގެއްލުން ހުރިކަމެއް ސާބިތުވާކަމަށް އެ ބަޔާނުގައިވެއެވެ.
”ދުނިޔޭގެ 34 ގައުމެއްގައި ވޭޕް ވަނީ މުޅިން މަނާ ކުރެވިފައެވެ. މި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ދިވެހިންގެ އާއްމު ސިއްހަތު ރަނގަޅުވެ، މުޅި މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.“ ޑޮކްޓަރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައިއެވެ.
ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި ވޭޕް އެތެރެކުރުން މަނާކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ބަޔާނުގައިވަނީ ވަނީ ގޮވާލާފައެވެ.