ހައްގުތައް ހަނިވާނަމަ ޒުވާނުން އަޑުއުފުލަންޖެހޭ: ޝާހިދު
ދެންމެ | 22 އޮކްޓޯބަރ 2024

މި ސަރުކާރުން ޒުވާނުންގެ ހައްގުތައް ނިގުޅައިގަނެ، ހަނިކުރަމުންދާތީ، ހުރިހާ ޒުވާނުން ވެސް އެ ކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ޝާހިދު ވިދާޅުވީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަަަމަށެވެ.

”ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން ވެސް މިއަދު އަޑުފުލަންޖެހޭ،“ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް އަޒުމު އާކުރަންވީ ބުރަ މަސަތްކަތާއި ގުރުބާނީން ހޯދި ހައްގުތައް ހިފެހެއްޓުމަށް ކަމަށެވެ.

ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަހެއް ފާހަގަ ކުރުމަށް ކުރީގެ ރައީސް ސޯލިހު ނިމްމެވީ، 19 ޑިސެންބަރު 2019ގަ އެވެ. އެ ދުވަހު ނިންމެވީ ޖެހިގެން އައި 2020ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު 22ގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!