ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން މި މަހުގެ 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަން ފަށަން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިަކަމަށެވެ. މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިކަމަށާއި މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ.
އެގޮތުން މިވަގުތު މާކެޓްގައި ކާށީގެ އަގު ހުރީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައިކަން ފާހަގަކޮށް އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައިކަމަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ކާށި 15 ފެބުރުއަރީގައި އަންނަ ހޮނިހިރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ. އަދި މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ