ވުޒާރާތަކަށް ގެނައި ބަދަލުތަކުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުން: ރައީސް
ދެންމެ | 22 މެއި 2026

ސަރުކާރުގެ ވުޒާރާތަކަށާއި، ވަޒީރުންގެ މަޖިލީހަށް ފަހުން ގެންނެވި ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ ބަދަލުތައް ގެންނަވަންޖެހޭ ކަން ކަމަށެވެ. ސިޔާސަތުތައް ތަންފީޒުކުރުން ގޯސްކޮށްދާނަމަ އެކަން ރަނގަޅުކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށާއި، ވުޒާރާތަކަށާއި ވަޒީރުންގެ މަޖިލީހަށް ބަދަލުގެންނެވީ އެ ވިސްނުންފުޅުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެފައިވާކަން ފާހަގަކުރައްވާފައެވެ.

”އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ،“ ރައީސް ވިދާޅުވެފަވެއެވެ.

ވުޒާރާތަކުގެ ހިންގުން ހަރުދަނާވުމުގެ މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވުޒާރާއިން ޖަވާބުދާރީވާ މުއްދަތަށް އައި ބަދަލެވެ. މީގެ ކުރިން އެވްރެޖުކޮށް 4 ހަފުތާ ނަގާ ކަންކަން މިހާރު 4 ދުވަހުގެ ތެރޭގައި ނިންމާލެވޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މުއްދަތު އިތުރަށް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއް ފަސްޖެހުމެއް ނެތި އަޅުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!