ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.
އާންމުކޮށް ރާއްޖެއަށް ބޮޑައް ވިއްސާރަކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރުމަހުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.



