އެމްޑީޕީގެ އާންމު މެންބަރުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝިދާއި އަދި އެއްވެސް މީހެއްގެ ކައިރިން މާފަށް އެދެންޖެހޭނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން، ބޭއްވި ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން އެ މަނިކުފާނަށް ވުރެ ”ދެރަވާނެ މީހަކު ނުހުންނާނެ“ ކަމަށާއި އެމްޑީޕީއަކީ މުޅި ހަޔާތް ކަމަށެވެ.
އެކަމަކު، ޕާޓީ ދޫކޮށް ވަޑައިގަންނަވަން ޖެހުމުން މާފަށް އެދިވަޑައިގެންނަވައި، ދެން އެދިވަޑައިގެންނެވީ އާއްމު މެމްބަރުން ވެސް އެ މަނިކުފާނު އަރިހުން މާފަށް އެދުމަށެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާތީ، ހއ. ކެލެއަށް މީކާއިލް ވަޑައިގަތުމުން އެ ރަށުގެ އެމްޑީޕީގެ އާންމު މެންބަރަކު ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ.
މީކާއިލް ވިދާޅުވީ ނަޝީދު ނޫނީ އެހެން މީހެއްގެ އަރިހުން ވެސް އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ބޭފުޅުން އެ ބޭފުޅުންނަށް ހެދީ އެމްޑީޕީގެ އާންމު މެންބަރުން ކަމަށެވެ.
އަންނަ ޖޫން 12، ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.



