އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ކެންޕޫރުން ފިރިހެނަކު އޭނާގެ އަނބިމީހާ ދޫކޮށް މައިދައިތައާ ކޯޓު ކައިވެންޏެއް ކުރި ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކެންޕޫރު ދެހާތު ޑިސްޓްރިކްޓުގެ އަކްބަރްޕޫރު ސަރަހައްދުގެ 35 އަހަރުގެ ފިރިހެނަކު އޭނާގެ 52 އަހަރުގެ މައިދައިތައާ ހަތަރު އަހަރު ވަންދެން ސިއްރު ލޯބީގެ ގުޅުމެއް ބެއްވުމަށް ފަހު ކޯޓު ކައިވެންޏެއް ކޮށްފައިވެއެވެ. ވައިރަލް ވީޑިއޯގައި ފެންނަނީ ދެ މީހުން މާފަތި ބަދަލުކޮށް، ކައިވެނީގެ ސެޓިފިކެޓް ދައްކައި، މީހުން އެ ގުޅުން ގަބޫލުކުރުމަށް އެދޭ މަންޒަރެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 27 އަހަރުގެ އަނބިމީހާއަށް މި ގުޅުމުގެ ޚަބަރު ލިބި ދެ މީހުންނާ ކުރިމަތިލީއެވެ. ނަމަވެސް ކައިވެނި ރޫޅި، ފިރިހެން މީހާ އާއި މައިދައިތަ ފިލައިގެން ގޮސް ކޯޓު ކައިވެނި ކުރީއެވެ.
މި ވީޑިއޯ ވައިރަލް ވުމާ އެކު ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށިފައިވެއެވެ. ބައެއް މީހުން މިއީ ބޮޑެތި ދެ މީހުންގެ އަމިއްލަ ނިންމުމެއް ކަމަށް ބުނި އިރު، އެހެން ބައެއް މީހުން ވަނީ އެ ގުޅުމާ މެދު އިޖުތިމާއީ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުން ވައިރަލް ކްލިޕާ ގުޅިގެން ތަޙުޤީޤެއް ފެށި ނަމަވެސް، އެއްވެސް ފަރާތަކުން ރަސްމީ ޝަކުވާއެއް ހުށަހަޅާފައެއް ނުވެއެވެ. ވީޑިއޯ އާއި ދައުވާތައް ރަސްމީކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ.



