ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒަށް މިހާރު މާ ބޮޑު ތާއީދެއް ނެތް ކަމަށާއި އެމްޑީޕީގެ ޗެއާޕާސަންކަން ލިބިއްޖެ ނަމަ، އެމަނިކުފާނު އޮންނަވަންޖެހޭނީ މުންޑު އަނދެގެން ގޭގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ، ’ހެލޯ އަންނި‘ ނަމުގައި ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. ލައިވްކޮށް ގެނެސްދިން މި ޕްރޮގްރާމު ކުރިއަށްދިޔައީ، ފޯނު ކޯލާއި އޯޑިއަންސްގެ ސުވާލުތަކަށް ނަޝީދު ޖަވާބުދެއްވާ ގޮތަށެވެ.
އޯޑިއަންސްގައި ތިބި މީހުންގެ ތެރެއިން މީހަކު ކުރި ސުވާލެއްގައި ވަނީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބުން ބަލިވެއްޖެނަމަ ”މުންޑު އަނދެގެން ގޭގައި އޮންނަވާނީ“ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ، އެހެން ވިދާޅުވި ސަބަބު ސާފުކޮށްދޭން އެދިފަ އެވެ.
ޖަވާބުގައި ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއްގަައި ބަލިވާ މީހާ އޮންނަންޖެހޭނީ ގޭގައި ކަމަށާއި އެހާ ގަދަ ހަދައިގެން އުޅެންޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެެވެ. އެގޮތަށް ވިދާޅުވީ، އާންމުކޮށް ގޭގައި އޮންނައިރު އުޅުއްވަނީ މުންޑު އަނދެގެން ކަމަށްވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު މުންޑު އަނދެގެން ގޭގައި އޮންނަން ނުޖެހޭނެކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެފައިވާ ކަމަށާއި އެ އިންތިހާބު ބޮޑުތަނުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
”އަޅުގަނޑަށް އިރާދަކުރެއްވިއްޔާ މިހާރު ވަރަށް ބޮޑަށް ޔަގީން އަޅުގަނޑު މުންޑެއް އަނދެގެން ގޭގައި އޮންނަން ނުޖެހޭނެކަން،“ ނަޝީދު ވިދާޅުވި އެވެ.
އެއަށް ފަހު ނަޝީދު ވިދާޅުވީ، މާދަމާ ބާއްވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބަށް ފަހު، މުންޑު އަނދެގެން ގޭގައި އޮންނަންޖެހޭނީ ރައީސް މުހައްމަދު މުއިއްޒު ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނު ވާދަކުރަންޖެހިފައިވަނީ ވާދަވެރި ކެންޑިޑޭޓުގެ ގޮތުގައި ފެންނަންހުރި އެމްޑީޕީގެ ކެންޑިޑޭޓު މީކާއިލް ނަސީމާ ނޫންކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. ހަގީގަތުގައި އެމަނިކުފާނު ވާދަކުރަންޖެހިފައިވަނީ ރައީސް މުއިއްޒާއި ޕީއެންސީއާ ކަމަށް ވިދާޅުވި އެވެ.
”ޕީއެންސީ މި އިންތިހާބު އަޅުގަނޑަށް ގެއްލުވާލަންވެގެން އެކުރާ މަަސައްކަތް ކައިރިވެސް ނުކުރޭ އަޅުގަނޑުގެ އަސްލު ވާދަވެރިޔާ ކަމަށް އަޅުގަނޑުމެންނަށް ފެންނަން ހުރި ބޭފުޅާ، އެއީ އެއް ނޫން. ރައީސް ޑރ. [މުހައްމަދު] މުއިއްޒާއި ޕީއެންސީ މިކަމާ ގުޅޭ މިންވަރު މާ ބޮޑު،“ ނަޝީދު ވިދާޅުވި އެވެ.
”އެހެންވީމާ އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑު އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ. އެއްގޮތަކަށް ވެސް ބޭރަށް ނިކުމެ އުޅުއްވައިގެން ނުވާނެ،“ ނަޝީދު ވިދާޅުވި އެވެ.



