ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި ނުވަތަ ޖީޑީޕީގެ ނިސްބަތުން ޖެހޭ ދަރަނި މިސަރުކާރުން 6.8 ޕަސެންޓުން ކުޑަކޮށްފައިވާ ކަމަށާއި ސަރުކާރުގެ ބޭރުގެ ދަރަނި ވެސް ކުޑަކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދ.މީދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ވެރިކަން ކުރާ ޕީއެންސީއަށް ލިބުމުގެ އުފަލުގައި އެރަށުގައި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިސަރުކާރުން ދަރަނި އަދާކުރަން ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ކުރީގެ ފަސް ރައީސުންގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތައް ވެސް ހިމެނޭ ކަމަށެވެ.
މި ސަރުކާރުން ދަރަނި އަދާކުރަން ދެއްކި ފައިސާގެ ތެރޭގައި މިސަރުކާރުން ނެގި ބޮޑެތި ދަރަނިތަކެއް ހިމެނޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތަަށް އެމަނިކުފާނު ވަނީ ތަފާސް ހިސާބުތަކުން ރައްދުދެއްވައިފަ އެވެ. އެގޮތުނމް އެކި ސަރުކާރުތަކުގެ ދުވަސްވަރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު އެ ތަފާސް ހިސާބުގެ ތެރޭގައި ދެއްކެވި އެވެ.
”ދައުލަތުގެ ޖުމްލަ ދަރަނި ހުރީ މި ސަރުކާރު ފެށުނު އިރު 123 ޕަސެންޓްގައި، 2023 އާ ހިސާބުން [ޗާޓް] ދެން ބައްލަވާ މެއި 2026 އާ ހަމައަށް ވެގެން ދާ ގޮތް ދައުލަތުގެ ޖުމްލަ ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 123.6 ޕަސެންޓްގައި ހުރި ދަރަނި، މިސަރުކާރުން މިވަނީ 121.2 އަށް ތިރިކޮށްފައި. ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ޖީޑީޕީގެ ނިސްބަތުން (އަޅުގަނޑުމެން މިވަނީ) ކުޑަކޮށްފައި،“ ރައީސް ވިދާޅުވި އެވެ.
ޗާޓްތަކާއި ގްރާފްތައް ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދަރަނި އަދާކުރަން ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ކުރީގެ ހަތަރު ރައީސުންގެ ދުވަސްވަރު ނެގި ދަރަނި ވެސް ހިމެނެ އެވެ. އެގޮތުން ހިމެނުނު އަދަދުތައް ވެސް ވިދާޅުވި އެވެ.
”ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 891 މިލިއަން ޑޮލަރު އަޅުގަނޑުމެން މިހާރު ދައްކައިިފިން. ރައީސް ޔާމީނު ސަރުކާރުގައި ނެގި ދަރަނިތަކުގެ ތެރެއިން 195 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ. ރައީސް ނަޝިދާއި ރައީސް ވަހީދުގެ ދެ ސަރުކާރު އެއްކޮށް އެ ފަސް އަހަރު ތެރޭގައި ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 62.5 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ، ހަމަ އެގޮތަށް ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 38.1 މިލިއަން ޑޮލަރު، މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ“ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ އަދަދުަތައް ދެއްކުމުން ވެސް އެ ސަރުކާރުތަކުގެ ދަރަނީގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް އަދި ދައްކަން އެބަހުރި ކަމަށެވެ. އެކަމަކު އަދާކުރި ދަރަނީގެ ތެރޭގައި މިސަރުކާރުން ނެގި ދަރަނީގެ ތެރެއިން ހިމެނެނީ އެންމެ ހަތަރު މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.



