ޕީއެންސީގެ ރިޔާސީ ޓިކެޓް ޖަހައިގަންނަން އަމާ އަދުރޭ ދަނީ ވަގުވަގަށް ރާވަމުން: މަލީހް
ދެންމެ | 20 ޖޫން 2026

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ފެކްޝަންތައް އުފެދި ޕާޓީ ބައިބައިވެފައިވާ ކަމަށާއި، އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ތުހުމަތުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ޕީއެންސީގެ ތެރޭގައި އެމަނިކުފާނުގެ ބާރު ގަދަކުރުމުގެ މަސައްކަތް އަބްދުއްރަހީމް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ތުހުމަތުތަކުގެ ތެރެއިން އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި މަލީހު ފާހަގަކުރެއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުން ޖަހައިގަތުމަށް އަބްދުއްރަހީމް ރާވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުއިއްޒާ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅުން، އެމަނިކުފާނާ ދުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުވެސް މިހާރު ފެއަށް ޖައްސާފައިވަނީ އެފަދަ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ.

ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން އެ ޕާޓީއަށް ވައްދަމުންދާ މި ދަނޑިވަޅުގައި، ޕާޓީގެ ތެރޭގައި އެކި ފަރާތްތަކުން ބާރުވެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ސިޔާސީ މަސްރަހުގައި މިފަދަ ވާހަކަތައް ދެކެވެމުންދާއިރު، މިއީ ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކެއް ކަމަށް ބެލެވޭނެ ކަމަށްވެސް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!