ސިފައިންގެ ޓްރޭނިން ސެންޓަރު އަޅަން ގިރިފުށީގެ ބިން ހިއްކަން ފަށައިފި
ދެންމެ | 21 ޖޫން 2026

ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށް ޓަކައި، ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެކަމަށާއި އެއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ. މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރަންވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިން ރޭންޖުގެ ބަދަލުގައި 300މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރެވިގެންދާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް ރޭވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން އެ ރަށް ވެގެންދާނީ، ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް، ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ތަނުގައި، ދިވެހި އަސްކަރިއްޔާގެ އޮފިސާ ޓްރެއިނިން ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސަޕޯޓް ނިޒާމްތައް ތަރައްޤީކުރެވިގެންދާނެކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!