ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ)، ހެލްތު މިނިސްޓަރާ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން އެކަމަށް ގީލާ މަލާމާތްކުރި މައްސަލަ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޝާހިދު ’އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ބަހުރުވައަކީވެސް ދިވެހި ބަހުގެ މުއްސަނދިކަން ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނަކީ ކޮންމެ ރަށަކަށް ނިސްބަތްވާ ބޭފުޅުން ކަމުގައި ވިޔަސް، ރައްޔިތުންގެ މަންދޫބުން ދިވެހި ބަހުގެ ކޮންމެ ބަހުރުވައަކުން މުހާތަބު ކުރެއްވިޔަސް އެ ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ބޭފުޅުން ކަމަށެވެ.
ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މެމްބަރަކު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން އެކަން މަޖާ ކަމަކަށް ހަދައި، ސުވާލުކުރެއްވި މެމްބަރަށް ރައްދުވާ ގޮތަށް ޖަވާބު ދެއްވުމަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ދެއްވި މަލާމާތެކެވެ. މިފަދަ އަމަލުތަކަކީ ޑިމޮކްރެޓިކް ހަމަތަކާއި ބަހުރުވަތަކުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުކުރެއްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
މި މައްސަލަ ހޫނުވެފައި މިވަނީ މަޖިލިސް ޖަލްސާއެއްގައި އަބްދުﷲ ސޯދިގު އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން، ހެލްތު މިނިސްޓަރުގެ ފަރާތުން އެކަމަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށް ބުނާ ވީޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ



