ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އާ ސަލާން ކުރައްވައި އެންމެ ފުރަތަމަވެސް ދެއްކެވީ މަހުގެ ވާހަކަ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން މަސްވެރިކަމުގެ ސިނާއަތަށް އައި ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، ޝިޔާމް ވަނީ ރާއްޖޭގެ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާކަން ދައްކުވައިދެއްވުމަށް މަސައްކަތްކުރައްވާފަ އެވެ.
ޝިޔާމް ވިދާޅުވީ، މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުން ނަގަމުންދިޔަ ޓެރިފް ސަސްޕެންޑްކޮށް ޒީރޯ ކުރެވިގެން ދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި މިކަމަކީ ހަމައެކަނި ރާއްޖެއަށް ލިބުނު ލުޔެއް ނޫން ކަމަށް ބުނެ ސަރުކާރުގެ ވާދަވެރިން ވާހަކަ ދެއްކި ނަމަވެސް، މިއީ ރައީސް މުއިއްޒު ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް މުއިއްޒު އިނިގިރޭސި ރަސްގެފާނާ ކުރެއްވި ބައްދަލުވުމުގެ އެޖެންޑާގަ މުޅިންވެސް އޮތީ ޓެރިފް ކަނޑާލުމުގެ ވާހަކަ ކަމަށާއި، އަދި ބައްދަލުވުން ނިންމަވާ އެމަނިކުފާނާ ސަލާން ކުރައްވާ، ރަސްގެފާނު އެންމެ ފުރަތަމަވެސް ވިދާޅުވީ މަހުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ދައުލަތަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން. އަޅުގަނޑަށް ބައިވެރިވެވުނު އެއް ބައްދަލުވުމެއް ފިޔަވައި ހުރިހާ ބައްދަލުވުމެއްގައި. ރަސްގެފާނާ އެބައްދަލުކުރެވި ބައްދަލުކުރެވުން ފިޔަވައި އަޅުގަނޑަށް ނަސީބު ލިބުނު ޔަގީނުންވެސް ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވުމުގެ. އެންމެ ފުރަތަމަ އެޖެންޑާގައި ވެސް އޮންނާނީ މަހުގެ ޓެރިފް، ދެވަނަވެސް އޮންނާނީ މަހުގެ ޓެރިފް، ތިންވަނަވެސް އޮންނާނީ މަހުގެ ޓެރިފްް އިނގޭތޯ. އަދި އަޅުގަނޑަށް އެނގޭ އެއްޗަކީ ރަސްގެފާނާ ބައްދަލުކުރައްވާފަ، އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވާފައި ނިކުމެވަޑައިގެން ރަސްގެފާނު ދެން އަޅުގަނޑުމެންނަށް ސަލާމްކޮށްލެއްވި ވަގުތުވެސް އަޅުގަނޑާ ސަލާން ކޮށްލައްވަވާ ވިދާޅުވީ މަހުގެ ވާހަކަ އިނގޭތޯ، ފިޝަރީޒްގެ ވާހަކަ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ރައީސް މުއިއްޒު އެކަމަށް ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގައި ކަމަށެވެ.



