މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައި، ބައިވެރިންނަށް ސަނަދު އަރުވައިފި އެވެ.
ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 85 ޒުވާނުން ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.



