ޚާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު
ދެންމެ | 29 ޖޫން 2026

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޚާމަނައީގެ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއަށް ދަޢުވަތު ލިބުފައިވާ ކަމަށާ، ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޚާމަނާއި އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު ތެހެރާނުގައި ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައެވެ.

ޚާމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވާ ކަމަށާއި ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާގައިވެސް ރާއްޖެއިން ބައިވެރިވިއެވެ. އެ ޖަނާޒާއަށް ވަޑައިގެންނެވީ އޭރު ލޯކަލް ގަވަމެންޓް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް އުމަރެވެ.

ޚާމަނައީގެ ޖަނާޒާ ތެހެރާނުގައި ޖުލައި 4 ގައި ފެށޭނެ ކަމަށާއި ޖުލައި 9 ގައި އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ވަޅުލެވޭނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ކުރިން މާރޗު މަހު ބާއްވަން ރާވާފައި އޮތް ޖަނާޒާ ފަސްކުރެވުނީ އެމެރިކާ-އިސްރާއީލު ހަނގުރާމައިގެ ސަބަބުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ ބުނާ ގޮތުގައި ޖުލައި 3 އަދި 4 ގައި ތެހެރާނުގައި ވަދާޢީ ރަސްމިއްޔާތުތައް ބާއްވައި ޖުލައި 5 ގައި ޤުމްގައި ހިނގާލުމެއް ބާއްވައި ޖުލައި 7 ގައި ޢިރާޤަށް ހަށިގަނޑު ގެންގޮސް ނަޖަފާއި ކަރުބަލާގައި ރަސްމިއްޔާތުތައް ބާއްވައި ޖުލައި 8 ގައި އެނބުރި އީރާނަށް ގެނެސް މަޝްހަދުގެ އިމާމް ރިޟާ ޒިޔާރަތުގައި ފަސްދާނުލެވޭނެއެވެ.

 

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ ޗައިނާ ރަޝިޔާ ޤަޠަރު ފްރާންސް އަދި ޕާކިސްތާނުގެ ލީޑަރުންނަށް ވެސް ދައުވަތު ފޮނުއްވައިފައެވެ. ގިނަ ޤައުމުތަކަކުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާ އިރު ޢިރާޤު ޕާކިސްތާނު އަފްޣާނިސްތާނު ސީރިއާ ލުބުނާން ރަޝިޔާ ޗައިނާ އަދި މެދުތެރޭ އޭޝިއާގެ ޤައުމުތަކުގެ ވަފުދުތައް ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވެސް ދައުވަތު ފޮނުއްވައިފައި ވީ ނަމަވެސް އިންޑިއާއިން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.

މި ޖަނާޒާގައި 35 މިލިއަނާ ހަމައަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭތީ 1989 ވަނަ އަހަރު އާޔަތުالله ޚޮމައިނީގެ ޖަނާޒާގެ ރެކޯޑު ފަހަނައަޅައި ގޮސްދާނެ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!