ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ މެޗުގައި އިތުރު ވަގުތު ކުޅެގެން 3-2 ގެ ނަތީޖާއަކުން ކޭޕް ވާޑް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
އެމެރިކާގެ މިޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޑަކުޑަ ކޭޕް ވާޑުން ދެއްކި ހިތްވަރުގަދަ ކުޅުމެކެވެ. ގުރޫޕް ސްޓޭޖްގައި އެ ގައުމުން ވަނީ ދުނިޔޭގެ ކުރީގެ ޗެމްޕިއަނުން ކަމަށްވާ، ސްޕެއިން އާއި އުރުގުއޭ ވެސް ހަިަފަހައްޓައިފަ އެވެ. މިހާރުގެ ޗެމްޕިއަނަށް ވެސް ބޮޑު ސިހުމަކުން ސަލާމަތްވުނީ ކިރިޔާ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ 29 ވަނަ މިނެޓުގައި ލިސަންޑްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ލިއޮނަލް މެސީ ވަނީ ހިތްގައިމު ގޯލެއް ޖަހައި އެ ޓީމަށް ލީޑް ނަގއި ދީފަ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި މެސީ ޖެހި 20 ވަނަ ގޯލެވެ.
މެޗުގެ ދެވަނަ ހާފުގައި ކޭޕް ވާޑުން ވަނީ މުޅި ދުނިޔޭ ސިއްސުވާލުމަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި އާޖެންޓީނާގެ އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ކޭޕް ވާޑްގެ ޑެރޯއި ޑުއާޓޭ ވަނީ އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒަށް ފުރުސަތެއް ނުދީ ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.
މެޗުގެ ރެގިއުލާ ޓައިމް ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެ ދެ ހާފުގެ ތެރެއިން ފުރަތަމަ ކުރީކޮޅު، މެޗުގެ 92 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލިސަންޑްރޯ މާޓިނޭޒް ވަނީ ދެވަނަ ފަހަރަށް އާޖެންޓީނާއަށް ލީޑު ހޯދައިދީފަ އެވެ.
އާޖެންޓީނާއިން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް އެފްރިކާގެ 500،000 އެއްހާ އާބަދީގެ ކުޑަ ޖަޒީރާ ގައުމު، ކޭޕް ވާޑުން ވަނީ އަނެއްކާވެސް ހިތްވަރުލާފައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 103 ވަނަ މިނެޓުގައި އެ ޓީމުގެ ސިޑްނީ ލޮޕޭޒް ކަބްރާލް ވަނީ އޮއްބާލަން އުނދަގޫ ހަނި އޭންގަލަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ހައިރާންކުރުވަނިވި ގޯލެއް ޖަހާފަ އެވެ.
އާޖެންޓީނާ މެޗުން މޮޅުވި ގޯލު ފެނުނީ އިތުރު ވަގުތުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ 111 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކަށް އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ޑިފެންޑަރު ޑިނޭ ބޯޖަސްގެ ގައިގައި ޖެހިފައި ވަނީ ބައި ކޮޅަށެވެ.
ގަދަ 16 ބުރުގައި އާޖެންޓީނާ ނުކުންނާނީ މިސްރާ ދެކޮޅަށެވެ.



